680 ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ 600 މިލިޔަނަށްވުރެ ރުފިޔާ ނުދައްކާ އޮތްކަން ކަސްޓަމްސްއިން ހާމަކުރައްވައިފިިއެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލެއް ކަސްޓަމްސްއިން އާންމުކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ އުސޫލާއި އެއްގޮތަށް އެ ފަރާތްތަކުގެ ނަންތައް މިހާރު ވަނީ ހާމަކުރަން ފައްޓަވާފައެވެ.
ކަސްޓަމްސްއިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމާއި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުމުގައި ޢަމަލުކުރާ ޢުސޫލުގެ ދަށުން ފައިސާ ދައްކަން އެފަރާތަކަށް އަންގާފައިވުން ހިމަނާފައިވެއެވެ.
މި އުސޫލުގެ ދަށުން ކަސްޓަމްސްއިން ހޮނިހިރު ދުވަހު އާންމު ކުރި ލިސްޓުގައި 680 ފަރާތެއްގެ މައުލޫމާތު ވަނީ ހިމަނާފައެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވުމުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ ނުދެއްކުމާއި ކަސްޓަމަށް ދައްކަން ޖެހޭ އެހެނިހެން ފީތައް ނުދައްކާ ފަރާތްތައް ލިސްޓުގައި ހިމެނެއެވެ. މި ލިސްޓުގައި އާންމު ފަރުދުންނާއި ކުންފުނިތައް ހިމެނެއެވެ.
މި ލިސްޓުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭކަމަށް ހިމަނާފައިވަނީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްއެވެ. އެކުންފުނިން 110 މިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، މިއީ އިމްޕޯޓް ޑިއުޓީއަށް މަކަރު ހެދިކަމަށް 2010 ވަނަ އަހަރު ކޯޓުން ސާބިތުވި މައްސަލައެކެވެ. މިމައްސަލައިގައި ކުރި ހުކުމް ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވަނީ ދަމަހައްޓާފައެވެ.
ލިސްޓުގައި 10 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ 16 ފަރާތެއް ހިމެނޭއިރު އޭގެ ތެރެއިން 14 ފަރާތަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޚިލާފުވެގެން ދައްކަން ޖެހޭ ޖުރީމަނާ ނުދައްކާ ހުރި ފަރާތްތަކެވެ. މިމީހުންގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ފަރާތަކީ ވޭޕް އެތެރެކޮށްގެން ޖޫރިމަނާކޮށްފައިވާ މީހެކެވެ. އެ މީހާ 72 މިލިޔަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
އިމްޕޯޓް ޑިއުޓީ އަދި ޕްރޮސެސިން ފީތައް ހިމެނޭ ގޮތަށް އެންމެ ބޮޑު އަދަދެއް ނުދައްކައިގެން އެގްޒޯޓިކް އެންޓަޕްރައިޒެސް ނަމަކަށް ކިޔާ ކުންފުންޏެއް ލިސްޓުގައި ވަނީ ހިމަނާފައެވެ. އެކުންފުނިން 47 މިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، އޯސީސީ ޕްރައިވެޓް ލިމިޓެޑުންވެސް 10.5 މިލިޔަން ރުފިޔާ އިމްޕޯޓް ޑިއުޓީއަށް ނުދައްކާ އޮތުމުން ކަސްޓަމްސްގެ ލިސްޓުގައި ވަނީ ހިމަނާފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ މި ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ކަސްޓަމްސްގެ ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތައް ކަމަށެވެ. އަދި ކޯޓު ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތައް، އިތުރަށް ބެލުމަށް ފަހު އަދާހަމަ ކުރާނެ ކަމަށެވެ. މީގެ އިތުރުން ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް، ތަހުޤީޤު ނިމުމުން އުސޫލުގެ ތެރެއިން ނަން ހާމަކުރާނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުން ނަން އާންމު ކުރުމުގެ އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެނެވެ. ފުރަތަމަ މަރުހަލާގައި މައުލޫމާތު ޝާއިއުކުރާނީ ކަސްޓަމްސްގެ ވެބްސައިޓުގައެވެ. އަދި އޭގެ 15 ދުވަސް ފަހުން ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ މައުލޫމާތު ޝާއިޢުކުރާނެއެވެ. މި އުސޫލުގައިވާ ގޮތުން ނަން އާއްމުކުރާ ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ފަރާތެއްގެ ނަން އުނިކުރާނެއެވެ. ނަމަވެސް ސަރުކާރުގެ ގެޒެޓުގައި ނަން ޝާއިޢުކުރުމަށްފަހު އެ ނަމެއް އުންޏެއް ނުކުރާނެކަމަށް އުސޫލުގައިވެއެވެ.