ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒު ކުރާ ކަން ކަށަވަރު ކުރުމުގެ ގޮތުން އެ ސަހަރަށް ފޮނުވުމަށް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ބައިނަލްއަޤްވާމީ ފައުޖުގައި ތުރުކީވިލާތް ބައިވެރިކުރުވަން ޔަހޫދީން އިންކާރު ކޮށްފިއެވެ. ޣައްޒާއަށް ބައިނަލްއަޤްވާމީ ފައުޖެއް ފޮނުވުމަށް ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ވެސް ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ ދަށުންނެވެ.
ޣައްޒާއަށް ބައިނަލްއަޤްވާމީ ފައުޖެއް ފޮނުވުމުގެ ބޭނުމަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކާއި ޔަހޫދީންނާ ދެމެދު އަލުން ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ހަނި ކުރުމެވެ. އެ ފައުޖުގައި އެމެރިކާގެ ސިފައިން ހިމެނުއްވުމަށް ޓްރަމްޕް ބޭނުންފުޅު ނުވާއިރު، އެ ފައުޖު އެކުލަވައިލެއްވުމަށް ބޭނުންވާނެ ސިފައިން ފޯރުކޮށްދިނުމަށް އެދި އޭނާ ވަނީ އިންޑޮނީޝިޔާ، އެކުވެރި ޢަރަބި ޢިމާރާތް، މިޞްރު، ޤަޠަރު އަދި ތުރުކީވިލާތާއި އަޒަރްބައިޖާންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، ޣައްޒާ ސުލްޙަ ބަަލަހައްޓާ ފައުޖުގައި ބައިވެރިވާނެ ކަމުގެ ޔަގީން ކަން އެއްވެސް ޤައުމަކުން މިހާތަނަށް ދީފައެއް ނެތެވެ.
ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ ޓްރަމްޕް ރާއްވަވަމުން ގެންދަވާ ބައިނަލްއަޤްވާމީ ފައުޖު އެކުލެވިގެންވާ ގޮތް ކަނޑައަޅާނީ ޔަހޫދީން ކަމުގައެވެ. ޔަހޫދީންގެ މި ނިންމުމަށް، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ރުހޭ ކަމުގައި ވެސް އޭނާ ބުންޏެވެ. އެ ފައުޖުގައި ބައިވެރިވުމުގެ ފުރުޞަތު ތުރުކީވިލާތަށް ނޯންނާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.
މީގެ ކުރިން ތުރުކީވިލާތާއި ޔަހޫދީންނާ ދެމެދު ދިޔައީ ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. ނަމަވެސް، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކު، ތުރުކީވިލާތާއި ޔަހޫދީންނާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ. އަދި، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ ޔަހޫދީންގެ ޤަތުލުޢާންމަށް ފާޅުގައި ފާޑުވިދާޅުވެ، ޔަހޫދީންނާ އެކު އޮތް ގުޅުންތައް ކަނޑައިލައްވާފައެވެ.
ބައިނަލްއަޤްވާމީ ފައުޖުގައި ބައިވެރިވުމުގެ ފުރުޞަތު ތުރުކީވިލާތަށް ނުދޭނެ ކަމުގައި އަނިޔާވެރި ނަތަންޔާހޫ ބުނުމުން އެމެރިކާއިން ވަނީ އެ ނިންމުމަށް އިޙްތިރާމު ކުރާނެ ކަމުގައި އިޝާރާތެއް ދީފައެެވެ. ދާދި ފަހުން ޒަޔަނިސްޓު ދައުލަތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، ބައިނަލްއަޤްވާމީ ފައުޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ޔަހޫދީން ރުހޭ، އަދި ހިތްހަމަޖެހޭ ބަޔަކަށް އެކަނި ކަމުގައެވެ. ނަމަވެސް، ތުރުކީވިލާތުގެ ބައިވެރިވުމާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޣައްޒާގެ އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތަކާ މެދު ވެސް އަދި މިހާތަނަށް ގޮތެއް ނިންމިފައެއް ނެތެވެ. އެ ކަމާ ގުޅޭ ގޮތުން ޔަހޫދީންނާއި އެމެރިކާ ގުޅިގެން މިިހާރު ދަނީ ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކާ މަޝްވަރާ ކުރަމުންނެވެ. ޣައްޒާގެ ކުރިމަގުގައި ޙަމާސްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމުގައި ރޫބިޔޯ ވިދާޅުވިއެވެ. އަދި، ޣައްޒާއަށް ފޮނުވާނެ ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވައިލުމާ ގުޅޭ ގޮތުން އެކުވެރި ދައުލަތްތައް (އދ)އަށް ޤަރާރެއް ހުށަހެޅުމަށް ނުވަަތަ އެ ކަމާ ގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއް އެކުލަވައިލުމުގައި މަސައްކަތް ކުރަމުންދާ ކަން ވެސް ރޫބިޔޯ ހާމަކުރެއްވިއެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާއިން މަޝްވަރާ ކުރަމުން ދަނީ ޤަޠަރާއެވެ.