ކުޅިވަރު

ހަމަނުޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން ކަވަހާލް އަންފޮލޯ ކޮށްފި


ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗަށް ފަހު ހިނގި ހަމަނުޖެހުންތަކަށް ބާސެލޯނާގެ ތިން ކުޅުންތެރިއަކު ރެއާލްގެ ކެޕްޓަން ޑެނީ ކަވަހާލް އިންސްޓަގްރާމުން އަންފޮލޯ ކޮށްފި އެވެ.

މި މެޗަށް ފަހު އެންމެ ފުރަތަމަ މައްސަލަ ގޯސްވީ ކަވަހާލް އާއި ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލްއާ ދެމެދުގަ އެވެ. މެޗުގެ ކުރިން ރެއާލް މެޑްރިޑާ ބެހޭ ގޮތުން ޔަމާލް ދެއްކި ވާހަކަތަކަށް ކަވަހާލް ރައްދު ދިނުމުން ދެ ކުޅުންތެރިން ބަހުގެ ހަމަލާ ބަދަލުކުރި ހިސާބުންނެވެ.

މިއަށް ފަހު ޖެހިގެން އައި ދުވަހު އިންސްޓަގްރާމުން ކަވަހާލް އަންފޮލޯ ކުރި ބާސެލޯނާގެ ކުޅުންތެރިންނަކީ ޔަމާލް އާއި ޑިފެންޑަރު ޖެރާޑް މާޓިން އާއި މިޑްފީލްޑަރު ޕެޑްރީ އެވެ. މި ހަތަރު ކުޅުންތެރިންނަކީ ވެސް ސްޕޭނުގެ ގައުމީ ޓީމުގައި ކުޅޭ ކުޅުންތެރިންނެވެ.

ކަވަހާލް އާއި ޔަމާލް މައްސަލަ ޖެހުނުއިރު މި މެޗަށް ފަހު އެންމެ ބޮޑަށް އަޅައިގަތީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް އާއި ޔަމާލްއާ ދެމެދު ހިނގައިދިޔަ ބަހުގެ ހަމަލާތަކެވެ. ވިނީޝިއުސް ބުނި އެއްޗަކާ މެދު ޔަމާލް ބުނި ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަނީ "އެންމެ ފުރަތަމަ ދާންވީ އެތެރެއަށް،" ކަމަށެވެ. އޭނާ އިޝާރާތް ކުރީ އަރައިރުންވާނީ ދަނޑުމަތީގައި ނޫން ކަމަށާއި ޗޭންޖިން ރޫމަށް ދިއުމަށް ފަހު ކަމަށެވެ.

މިއާއެކު ދުނިޔޭގެ ބައެއް ކޯޗުން ވެސް ވަނީ މި މެޗާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. މި ގޮތުން ފީފާގައި މަސައްކަތް ކުރަމުން އަންނަ އާސެނަލްގެ ކުރީގެ ތަޖުރިބާކާރު ކޯޗު އާސެން ވެންގާ ބުނީ މި މެޗަށް ފަހު ފެނިގެންދިޔައީ ބޮޑެތި ފިރިހެނުންނާއި ކުޑަކުދިންގެ އަރައިރުމެއް ކަމަށެވެ. އޭނާ އިޝާރާތް ކުރީ ޔަމާލްގެ އުމުރަށެވެ. އޭނާ އަކީ ވަރަށް މި އަހަރު 18 އަހަރު ފުރުނު ކުއްޖެކެވެ.

މި މެޗަށް ފަހު ހިނގައިދިޔަ އަރައިރުންތަކާ ގުޅިގެން ބާސެލޯނާ އާއި ރެއާލްގެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އަދަބެއް ލިބުން ގާތް ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.