ކުޅިވަރު

ވެންޑައިކާއި ސަލާހްގެ ލީޑަރޝިޕެއް ނެތް: ރޫނީ


ލިވަޕޫލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ވާޖިން ވެންޑައިކާއި ފޯވަޑް މުހައްމަދު ސަލާހްގެ ފަރާތުން މި ސީޒަނުގައި ލީޑަރޝިޕް ނުފެންނަ ކަމަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ ބުނެފި އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން މިހެން ބުނީ ފާއިތުވެދިޔަ 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިވަޕޫލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ އިނގިރޭސި ލީގުގައި ލިބިފައި އޮތް ބޮޑު ލީޑު ގެއްލި ޓޭބަލިގެ ހަތަރު ވަނަ އަށް ވެއްޓުމާ ގުޅިގެންނެވެ.

"އެ ދެ ކުޅުންތެރިންނަކީ ޓީމުގެ ވަރަށް މުހިންމު ދެ ކުޅުންތެރިން. އެ މީހުން ކޮންޓްރެކްޓް އާ ކުރީ މިދިޔަ ސީޒަނަށް ފަހު. އެކަމަކު މިދިޔަ ސީޒަނުގައި ފެނުނު ލީޑަރޝިޕް މި ސީޒަނުގައި އެ މީހުންގެ ފަރާތުން ނުފެނޭ. އެ މީހުންގެ ހަށިގަނޑުގެ ހަރަކާތްތަކުން އެކަން އެނގޭ. މީހާގެ ހަށިގަނޑުގެ ހަރަކާތްތަކުން ބުނެދޭ ވާހަކަތަކަކީ ވަރަށް މުހިންމު އެއްޗެއް. އަހަރެންނަކީ ލިވަޕޫލްގެ ސަޕޯޓަރެއްނަމަ ނުވަތަ ކޯޗުނަމަ މިއީ އަހަރެން ވަރަށް ކަންބޮޑުވާނެ ކަމެއް،" ރޫނީ ބުންޏެވެ.

އޭނާ އަދި ބުނީ ލިވަޕޫލް މި ސީޒަނުގައި ބޮޑު ހަރަދެއްކޮށް މޮޅު ކުޅުންތެރން ގެނެސްފައިވާއިރު ޓީމުގެ ގުޅުން ވެސް ފެންނަނީ ކުޑަކޮށް ކަމަށެވެ.

ރޫނީ އަކީ ހަމައެކަނި ލިވަޕޫލަށް ފާޑުކިޔައި ހެދި ހަމައެކަނި ކުޅުންތެރިޔާއެއް ނޫނެވެ. އެ ޓީމުގައި މުޅި އުމުރު ހޭދަކުރި ކުރީގެ ވައިސް ކެޕްޓަން ޖެމައިން ކަރެގާ ވެސް ވަނީ ކޯޗު އާނޭ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ 500 މިލިއަން ޔޫރޯ ހަރަދުކޮށްފައި ލިވަޕޫލް ކުޅުންތެރިން ގެންނަން ޖެހޭނީ ކޮންމެހެން ބޭނުންވާ މަގާމުތަކަށް ކަމަށެވެ.

"އެކަމަކު ފެނިގެންދިޔައީ ރެއާލް މެޑްރިޑުން ތަރިން ގަންނަ ގޮތަށް. އެހެންވީމާ މިހާރު ކޯޗު ވާންޖެހޭނީ ވެސް ރެއާލް މެޑްރިޑްގެ ކޯޗަކަށް. އެއީ ހުރިހާ ކުޅުންތެރިން ހިތްހަމަ ޖައްސަން ޖެހޭނެ. ރެއާލް މެޑްރިޑުގައި އެކަން އެންމެ މޮޅަށް ކުރި މީހަކީ ކާލޯ އަންޗެލޯޓީ. ލިވަޕޫލް ކޯޗު އަމިއްލަ އަށް މި ހުރިހާ ކުޅުންތެރިން ގަތީ. އެހެންވީމާ އެ މީހަކު ކުރި ކަމެއް ރަނގަޅު ކުރަން ޖެހޭނީ ވެސް އެ މީހަކު،" ކަރެގާ ބުންޏެވެ.

ކޯޗު އާނާ ސްލޮޓް ވަނީ ލިވަޕޫލް މިހާބޮޑަށް ފޯމު ގެއްލުމުން ޓީމު ހަމަޔަކަށް އަޅުވުމަކީ އޭނާ އަސް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ބުނެފަ އެވެ.