ޚަބަރު

ކުރެންދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ލައިޓް ގެނައުމުގެ ކަންކަން ކުރިޔަށް އެބަދޭ: ރައީސް


  • ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމާއި ޓާފް އެޅުން ކުރިޔަށްދާނެ

  • ފުޓްސަލް ދަނޑުގެ ފެންސް އައުކުރުމަށްވެސް އެހީތެރިކަން ލިބޭނެ

ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ގެނައުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރިޔަށް ގެންދަވާ ކަމަށާއި، ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެތެރެއިން ކުރެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާގެ ކަންކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ލައިޓް ލިބުނުހާ އަވަހަކަށް އެކަން ފެނަކައިން ކުރިޔަށް ގެންދަވާނެ ކަމަށެވެ.

”ފެނަކައިން އެ މަސައްކަތް ފެށުމަށް ބޭރުން ގެންނަންޖެހޭ ލައިޓް ގެނައުމުގެ ކަންކަން އެބަދޭ ކުރިޔަށް މިއަންނަ މަސް ނުވަތަ މި މަސް ނިމޭ ހިސާބަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ތަކެތި ގެނެވޭނެކަމަށް“ ރައީސް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތާއި ޓާފް އެޅުމުގެ މަސައްކަތްވެސް އެކުއެކީގައި ކުރިޔަށް ގެންދެވޭނެ ކަމަށާއި މަސައްކަތް ކުރުމަށް މީގެ އިތުރުން ކުރެންދޫ ފުޓްސަލް ދަނޑުގެ ފެންސްގައި ދަބަރުޖަހާފަހުރުމާއެކު އެ ފެންސް އައުކުރުމަށްވެސް އެހީތެރިކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނޫންވެސް ކުޅިވަރުގެ ދާއިރާއިން ކުރެންދޫއަށް ބޭނުން ކަންކަން އެބަހުރިކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.