ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ އާދައިގެ ޓީމެއް ނޫން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސެޒެއިން ބުނެފިއެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ވަނީ ޒަމާންވީ ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އީގަލްސް ވަނީ އޮޑި ސްޕޯޓްސް ކުލަބު މޮޅިވިޔަނުދީ ހިފަހައްޓާފައެވެ.
ނިއު ރޭޑިއަންޓުގެ ކޯޗު ސުޒެއިން ބުނީ ކުރިއަށް އޮތް އީގަލްސް މެޗަށް ދާއިރު ކުރަން ހުރި މަސައްކަތް އެންމެ ފަހުން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ފެނިގެންދިޔަ ކަމަށެވެ. އަދި ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އޮޑި ސްޕޯޓްސްއާ ދެކޮޅަށް އީގަލްސް ދެއްކި ކުޅުން ފެނިގެންދިޔަ ކަމަށާއި، އެހެންކަމުން އީގަލްސްއަކީ އާދައިގެ ޓީމެއް ނޫންކަން އެ މީހުން ސާބިތުކޮށްދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އީގަލްސްގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ޢަބްދުﷲ ހަނީފުގެ އިރުޝާދުގެ ދަށުން އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ސުޒެއިން ބުނީ އީގަލްސްގެ ކޯޗު ބަދަލުވުމާއެކު ކޮންމެވެސް ވަރެއްގެ ބޫސްޓެއް އައިތަން ފެނިގެންދިޔަ ކަމަށާއި، އެހެންކަމުން އީގަލްސް މެޗަށް ދާއިރު ވަރަށް ފަރުވާ ބަހައްޓައިގެން، ވަރަށް ވިސްނުންތެރިކަމާއެކު ތައްޔާރުވާން ނިއު ރޭޑިއަންޓަށް މަޖުބޫރު ކަމަށެވެ.
އެގޮތުން އީގަލްސް މެޗަށް ތައްޔާރުވުމަށް ފަރިތަކުރުންތަކުގައި ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި، އެ މަސައްކަތްތައް ކުޅުންތެރިންނަށް ކޮށްދެވިއްޖެނަމަ މިހާރު ހުރި ޕޮޒިޓިވް ވިސްނުން އީގަލްސް މެޗާ ހަމައަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ނިއު ރޭޑިއަންޓް މެޗުގެ ކުރިން ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް ބުނީ ނިއު ރޭޑިއަންޓަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ބާރު ކަމަށާއި، އެ ޓީމުން މަސައްކަތްކުރަމުން އަންނަނީ ރަނގަޅު ކޯޗަކާއެކުގައި ކަމަށެވެ. އަދި ނިއު ރޭޑިއަންޓް މެޗު ފަސޭހަނުވާނެ ކަމަށާއި، އެ މެޗަށް ތައްޔާރުވާނީ އެކަން ދަނެގެން ކަމަށްވެސް ވަނީ ބުނެފައެވެ.
ނިއު ރޭޑިއަންޓް މި ވަގުތު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި އީގަލްސް އޮތީ ތާވަލުގެ ފުލުގައި ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކުއެވެ. ލީގުގައި އީގަލްސް އާއި ނިއު ރޭޑިއަންޓް ވާދަކުރާ މެޗު ފަށާނީ މާދަމާރޭ 21:00 ގައެވެ.