ޚަބަރު

ޓްރަމްޕްގެ ހާޒިރުގައި ތައިލެންޑާއި ކެމްބޯޑިޔާއިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ސޮއިކޮށްފި


ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ތައިލެންޑާއި ކެމްބޯޑިޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާޒިރުގައެވެ. ދެ ޤައުމުން އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ، މެލޭޝިޔާގައި މިހާރު ކުރިއަށްދާ އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިޔާން)ގެ ސަމިޓުގެ ހަވާސާގައެވެ.

ތައިލެންޑާއި ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. ދެ ޤައުމުގެ ދެމެދުގައި ފަސް ދުވަހުގެ މުއްދަތަކަށް ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައިވާއިރު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. އޭނާ ވަނީ، ދެ ޤައުމުގެ ވެރިންނާ މަޝްވަރާ ކުރައްވައި، ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ.

މި ކަމާ ގުޅޭ ގޮތުން ފުރިހަމަ އެއްބަސްވުމެއްގައި ސޮއި ކޮށްފައި މި ވަނީ ކުއަލަ ލުމްޕޫރުގައި ކުރިއަށްދާ އާސިޔާންގެ މެންބަރު ޤައުމުތަކުގެ ސަމިޓުގެ ހަވާސާގައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ތައިލެންޑާއި ކެމްބޯޑިޔާއިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައި ވަނީ، ޓްރަމްޕް އެ ދެ ޤައުމަށް އިންޒާރު ދެއްވުމާ ގުޅިގެން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިނުލައިފި ނަމަ، އެ ދެ ޤައުމާ އެކު ކުރަމުން ދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓައިލާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވާފައިވާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ސޮއި ކޮށްފައިވާ އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން ވެސް އާސިޔާންގެ ސަމިޓުގެ ތެރެއިން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. މި ގޮތުން، އެއްބަސްވުން ތަންފީޒު ކުރަމުންދާ ކަން ކަށަވަރު ކުރުމަށް މެލޭޝިޔާއިން ވަނީ އެ ޤައުމުގެ އަސްކަރީ ފައުޖެއް، ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވަން ނިންމާފައެވެ. ނަމަވެސް، މެލޭޝިޔާގެ ސިފައިން މިހާތަނަށް ފޮނުވާފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.