ޚަބަރު

ފީފާގެ ރައީސާއެކު ބޭއްވި ފުޓްބޯޅަ ފެސްޓިވަލް: ފުޓްބޯޅަ ކުރިއެރުވުމަށް ލިބުނު އިތުރު ހިތްވަރެއް


  • ފީފާގެ ރައީސާއިއި ރައީސް މުޢިއްޒު ބައިވެރިވަޑައިގެންނެވި ޚާއްސަ ފުޓުބޯޅަ މެޗެއް ކުރިއަށްދިޔަ

  • އެކެޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންގެ ފުޓުބޯޅައިގެ ހުނަރުތައް ވަނީ ދައްކާލާފައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ފުޓުބޯޅައިގެ ޚާއްސަ ފެސްޓިވަލެއް ބާއްވައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި މި ފެސްޓިވަލުގައި ފީފާގެ ރައީސާއިއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެފްއޭއެމްގެ ރައީސާއި، އެ އިދާރާގެ އިސްވެރިންގެ އިތުރުން، ފުޓުބޯޅަ އާއިލާގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ މި ފެސްޓިވަލުގައި ބައިވެރިވެވަޑައިގެންފައެވެ.

ފުޓުބޯޅައިގެ މި ފެސްޓިވަލުގައި ރާއްޖޭގެ އެކެޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންގެ ފުޓުބޯޅައިގެ ހުނަރުތައް ވަނީ ދައްކާލާފައެވެ. އެގޮތުން އެކެޑަމީތަކުގެ ކުޅުންތެރިންގެ މެދުގައި މެޗުތަކެއް ކުޅެވިގެންދިޔައިރު، ފީފާގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވި ޚާއްސަ ފުޓުބޯޅަ މެޗެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އިޓަލީއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ތަރި މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންވެސް ވަނީ މި މެޗުގައި ބައިވެރިވެފައެވެ.

މި މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރެއްވީ އިންފަންޓީނޯގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފީފާގެ ޓީމެވެ.

މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާ ތަރައްގީކުރެއްވުމާ ގުޅޭ މުހިންމު ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ. މިޒިޔާރަތުގައި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އިންފަންޓީނޯ ވަނީ އޮޅުންފިލުއްވާފައެވެ.