ޚަބަރު

ޑައިޝްގެ ފުރަތަމަ މެޗުން ފޮރެސްޓް މޮޅުވެއްޖެ


  • ޔޫރޮޕާ ލީގުގައި ޕޯޓޯ އަތުން ފޮރެސްޓް މޮޅުވީ 2-0 ގެ ނަތީޖާއަކުން

  • ޑައިޝްގެ އިރުޝާދުގެ ދަށުން ފޮރެސްޓުން ވަނީ މޮޅު ކުޅުމެއް ދައްކާފައި

ނޮޓިންހަމް ފޮރެސްޓުގެ ކޯޗުގެ މަގާމާ ޝޯން ޑައިޝް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ. ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޕޯޓޯ އަތުން ފޮރެސްޓް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މި މަހުގެ 18 ވަނަ ދުވަހު ޗެލްސީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިތާ 19 މިނެޓު ފަހުން ފޮރެސްޓުން ވަނީ އެ ޓީމުގެ ކޯޗު އެންޖޭ ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފައެވެ. އުމުރުން 60 އަހަރުގެ ޕޮސްޓެކޮގްލޫ ކޯޗުކަމުން ވަކިކުރުމާއެކު އޭނާ ވެފައިވަނީ ޕްރިމިއަރ ލީގުގައި އެންމެ ކުރު މުއްދަތަކަށް ކުލަބެއްގެ ކޯޗުކަންކުރި ފަރާތަށެވެ.

ފޮރެސްޓުން މި ސީޒަން ފެށީ މިހާރު ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯއާއެކުގައެވެ. ނޫނޯ މަގާމުން ވަކިކޮށް ޕޮސްޓެކޮގްލޫ މަގާމާ ހަވާލުވިތާ ވީ އެންމެ 39 ދުވަހެވެ.

ޕޮސްޓެކޮގްލޫ ވަކިކޮށް ފޮރެސްޓުގެ ކޯޗުގެ މަގާމަށް ބާންލީ އާއި އެވަޓަންގެ ކުރީގެ ކޯޗު ޑައިޝް ހަމަޖެއްސިއިރު، އޭނާ ވަނީ އެ ޓީމާއެކު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ޑައިޝްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފޮރެސްޓުން ލީޑު ނަގާފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ މޯގަން ގިބްސް-ވައިޓެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ފޮރެސްޓަށް ލީޑު ފުޅާކޮށްދިނީ އީގޯ ޖީސޫސްއެވެ.

ޑައިޝްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ފޮރެސްޓް މޮޅުވިއިރު، ދެން އެ ޓީމުން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހުގެރޭ ޕްރިމިއަރ ލީގުގައި ނުކުންނާނީ ބޯންމަތާ ދެކޮޅަށެވެ.