ޚަބަރު

މަޔާމީގެ އެއްބަސްވުން މެސީ އައު ކޮށްފި


އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީ އާއިއެކު ލިއޮނެލް މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިންޓަރ މަޔާމީ އިން އިއްޔެ އާންމުކޮށްފައިވާ ގޮތުގައި 2028 ވަނަ އަހަރުގެ ނިޔަލަށް އާޖެންޓީނާގެ ކެޕްޓަން މެސީ އެ ކްލަބުގައި މަޑު ކުރާނެ އެވެ.

ބެލޮންޑިއޯ އެވޯޑް އަށް ފަހަރު މަތިން ހޯދާފައިވާ މެސީ އިންޓަރ މަޔާމީ އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީ އިންނެވެ. އުމުރުން 38 އަހަރުގެ މެސީ މޭޖަރ ލީގާއި ގުޅުމާއި އެކު ލީގުގެ މަގުބޫލުކަން ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ.

އިންޓަރ މަޔާމީ އާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރިކަން އިއުލާން ކޮށްފައިވާއިރު އެމެރިކާގެ މޭޖަރ ލީގުގެ އީސްޓަރން ކޮންފަރެންސްގައި އިންޓަރ މަޔާމީ އަށް ލިބިފައިވަނީ ތިންވަނަ އެވެ. އަދި މިއަދު އެ ޓީމު ނިކުންނާނީ އެމްއެލްއެސް ކަޕްގެ ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި ނޭޝްވިލް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

މެސީ އިންޓަރ މަޔާމީ އާއި ގުޅުމާއިއެކު އެ ކްލަބުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ މި މުބާރާތް ކާމިޔާބުކުރުމަށެވެ.

މެސީ ވަނީ ނިމިގެންދިޔަ މޭޖަރ ލީގުގައި ޖުމްލަ 29 ލަނޑު ޖަހައިގެން މި ސީޒަނުގެ ރަން ބޫޓް ހޯދާފަ އެވެ. އަދި މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބުން ކައިރި އެވެ. މިދިޔަ އަހަރުވެސް މި މަގާމް ހޯދާފައިވާ މެސީ އަށް މި ސީޒަނުގައި މި ޝަރަފު ލިބިއްޖެނަމަ އޭނާ ވެގެންދާނީ މޭޖަރ ލީގުގެ 30 އަހަރުގެ ދިގު ތާރީޚުގައި ޖެހިޖެހިގެން މި މަގާމް ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.