ޚަބަރު

މިމަސް ނިމުމުގެ ކުރިން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށްވަނީ ތައްޔާރުވެފައި: މާލީ ވަޒީރު


  • އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫޢުތައް ބަޖެޓުގައި ހިމަނާނެ

  • އަހަރު ނިމުމުގެ 2 މަސް ކުރިން ބަޖެޓު ހުށައަޅަންޖެހޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޤާނޫނުގައިވާގޮތުގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހެއެވެ. އަދި ބަޖެޓު ފާސްކުރާނީ މުޅި މަޖިލިހާއި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބޭއްވުމަށްފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ބަޖެޓު ތައްޔާރުކުރުމަށްޓަކައި، ހުރިހާ މަޢުލޫމާތެއް އެއްކޮށް ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. އަދި ފުރަތަމަ ޑްރާފްޓް ތައްޔާރުކުރުމަށްފަހު އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫޢުތައް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަ އަހަރު ކުރިއަށްގެންދަން އިޢުލާން ކުރައްވާ މަޝްރޫޢުތައްވެސް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޤާނޫނުގައި އޮންނަ ގޮތަށް މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް ތައްޔާރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

" ބަޖެޓު ކުރަމުން މިދަނީ ރާއްޖޭގެ ޢާމްދަނީއަށްވެސް ބަލައިގެން. އޭގެ އިތުރުން ބައެއްކަހަލަ ޕްރޮޖެކްޓްތަކަކީ ސަޕްލަޔަރ ކްރެޑިޓް ނޫންކަމުގައި ވަނީނަމަ ކޮންޓްރެކްޓަރ ފައިނޭންސިން މެދުވެރިކޮށް އަދި ހިލޭ އެހީއާއި ލޯނުގެ ގޮތްގޮތުން ލިބޭ މަލްޓިލެޓްރަލް އެޖެންސީތަކުން ލިބޭ ލޯނާއި ރައީސްގެ ބައެއް ދަތުރުތަކުން ބޭރުގެ ޤައުމުތަކުން ލިބޭނެ ބައެއް އެހީތަކާ އެކުގައި. އެހެންވީމާ ބަޖެޓު ތައްޔާރުކުރަމުންދާއިރު ރައީސް ވަޢުދުވެވަޑައިގެންފައި އޮތްގޮތަށް ތައްޔާރުކޮށް އާމްދަނީއާއި މެޗްކޮށްގެން ޕްރޮޖެކްޓްތައް ޑެލިވަރ ކުރާނަން." މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ބަޖެޓުގައި ހިމަނާ ޚަރަދުތަކުގެތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ. އޭގެތެރޭގައި މަހުން މަހަށް ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކުގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ބަޖެޓުގައި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ ޢަދަދުތައްވެސް ހިމަނާނެއެވެ.

ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ހިނގަމުންދާ އަހަރަށް ސަރުކާރުން 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ. ސަރުކާރުން މި ވޭތުވެދިޔަ 2 އަހަރު އެންމެ ބޮޑު ޢަމާޒެއް ކަނޑައެޅީ، ދަރަނިތައް އަދާކުރުމަށެވެ. އެ މަސައްކަތް ގެންދިޔައީ ރައްޔިތުންނާއި ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭގޮތަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަކީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ އަހަރުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ އިޢުލާންކުރައްވާފައެެވެ.