ލ.ގަމުގައި ޓަރޝިއަރީ ހޮސްޕިޓަލަކާއި 100 ހައުސިން ޔުނިޓު ހިމެނޭގޮތަށް އެރަށުގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތް، މަޝްރޫޢުގެ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެތެރެއިންނެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެރަށު މަގު ހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީއާ ވަނީ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ގަމު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އެރަށުގެ ހުރިހާ މަގެއް ހެދުމަށް ހަމަޖެހިފައިވެއެވެ.
ގަމުގައި އަަލަށް އިމާރާތްކުރާ 100 ހައުސިން ޔުނިޓް ޤާއިމްކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއާ ވަނީ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްބާހް ޢަލީ ނަސީރެވެ.
މީގެއިތުރުން، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި އެރަށުގައި އިތުރު ބަނދަރެއް އެޅުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ ސިއްޙީ ވަޒީރު ނާޒިމް އިބްރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރުމުގެ މަޝްރޫޢަކީ، ގާތްގަނޑަކަށް 300މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
އަދި ގަމުގައި އިތުރު ބަނދަރެއް އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ އިމާރާތްކުރުމާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީއެވެ.
މި މަޝްރޫޢުތަކުގެ އިތުރުން ލ.ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމޓެޑާ ވަނީ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރަގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނަޝާތު ރަޝީދެވެ. އަދި ބައިސަން މޯލްޑިވްސް ޕްރައިވެޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަޖީދުއެވެ.
ގަސްގަނޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރެވިގެން ދިއުމާއެކު، އެއަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައްލިބި އިޤްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.