ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ އެއްވަނައަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. ނިއު ރޭޑިއަންޓުގެ ޒަމާންވީ ވާދަވެރިޔާ ވިކްޓަރީ އަތުން އެ ޓީމު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
ލީގުގައި ކޮންމެ ޓީމެއްވެސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ނިއު ރޭޑިއަންޓް އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރަށް 12 ޕޮއިންޓް ހޯދައިގެންނެވެ. ނިއު ރޭޑިއަންޓަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއީ މާޒިޔާއަށްވުރެ ފައިދާ އެއް ލަނޑު އިތުރުވުމުންނެވެ.
ވިކްޓަރީ އަތުން ހޯދި މޮޅާއެކު މި ފަހަރުގެ ލީގުގަައި ނިއު ރޭޑިއަންޓުގެ އޮތީ ސައްތައިން ސައްތަ ރިކޯޑެކެވެ. ނިއު ރޭޑިއަންޓުން ފުރަތަމަ ހަތަރު މެޗުގައި 14 ލަނޑު ޖެހިިއިރު، ބައިކޮޅަށް އަދި ލަނޑެއް ވަދެފައެއް ނުވެއެވެ.
އެންމެ ފަހުން މި ދެ ޓީމު ވާދަކޮށްފައިވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ދެވަނަ ޑިވިޝަނުގައެވެ. ފުރަތަމަ ޑިވިޝަންގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައީ މީގެ ހަތް އަހަރު ކުރިންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ނިއު ރޭޑިއަންޓުގެ ހަމަލާތައް ވަރުގަދަކޮށް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ވިކްޓަރީ ކޮޅަށް ފުރަތަމަ 12 މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) ޖައްސާލުމުން ހުސްކޮށްހުރެ ފާސިރު ހިފައިންގެދިޔަ ބޯޅަ ވިކްޓަރީ ގޯލަށް ވައްދާލީ ކީޕަރަށްވެސް ފުރުސަތެއް ނުދީއެވެ.
ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި ފާސިރު ޖެހީ ނިއު ރޭޑިއަންޓުގެ ހާފުގައި ހުރެ އެ ޓީމުގެ ބިދޭސީ ފޯވާޑް ނިކްސޮން ޖައްސާލުމުން، ހުސްކޮށްހުރެ ހިފައިގެންދިޔަ ބޯޅަ ވިކްޓަރީގެ ޕެނެލްޓީ އޭރިއާ ތެރެއިން ގޯލަށް ވައްދާލައިގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ނިއު ރޭޑިއަންޓށް ލީޑު އިތުރަށް ފުޅާކުރާނެ ފުރުސަތު ފާސިރާއި ރާއިފަށް ލިބިގެންދިޔައެވެ. މެޗުގެ 60 ވަނަ މިނިޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާސިރު ހެޓްރިކް ފުރިހަމަކުރީ ހާފުގެ މެދާ ހަމައިން ލިބުނު ބޯޅައެއް ހިފައިގެންގޮސް، އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލައިގެންނެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ނުކުތް އަޙްމަދު ހުސާމެވެ. މިއީ އޭރިއާ ތެރެއިން ފާސިރު ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުން ވިކްޓަރީ ބަލިވިއިރު، އެ ޓީމަށް ފުރަތަމަ ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.