ހައްޖުވެރިންނަށް ސިއްޙީގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާއި، ޝަރުޢީ މަޤުސަދުތަކާއި މަސްލަހަތައް ރިޢާޔަތްކޮށް، ސަޢުދީ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިން ސިއްޙީގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށް ސަޢުދީ ސަރުކާރުން ފޮނުވި ސަރކިއުލާއާގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ހައްޖުގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޖުވެރިންނަށް ސިއްޙީގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާތަކަށް، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަކަމަށެވެ.
ހައްޖުވެރިންގެ ސއްޙީ ހާލަތު ކަށަވަރުކުރުމަކީ، ހަައްޖުގެ ކަންކަން ހަރުދަނާކޮށް އަމާންކަމާއެކު ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މިކަމަށް ބާރުއެޅުއްވުމަށް ސަޢުދީ ސަރުކާރުންވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން، ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ފޮނުވާފައިވާ ސަރކިއުލާގައި، ހައްޖުވެރިން ސިއްޙީގޮތުން ސަމާލުވާން ޖެހޭނެކަންކަން ވަނީ ބަޔާންކޮށްފައެވެ.
- އަސާސީ ގުނަވަންތަކުން ގުނަވަނެއް ފެއިލްވެފައިވާ ފަރާތްތަކަށް ނުވުން
- ނާރުގެ ނުވަތަ ނަފްސާނީ ބަލި ތަހައްމަލްކުރާ ފަރާތަކަށް ނުވުން
- ޑިމެންޝިއާ ބަލި ހުންނަ މުސްކުޅި ޢުމުރުގެ މީހަކަށް ނުވުން
- މާބަނޑުވުމުގެ އެންމެފަހު ތިންމަސް ގުނަމުންދާ އަދި މާބަނޑުވުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ވިހެއުމުގެ ރިސްކު އޮތް މީހެއް ކަމުގައި ނުވުން
- ކީމޯ ތެރަޕީ ނުވަތަ ބަޔޮލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހަކަށް ނުވުން
- އާންމު ސިއްޙަތަށް އަސަރުކުރާ ޖަރާސީމުތަކުން ޖެހޭ (ޓީބީ، ހެމަރޭޖް، ހުން) ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތަކަށް ނުވުން
ހައްޖުގެ އަޅުކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން ސަޢުދީ އަރަބިއްޔާގެ ބިމަށް އެއްވެ އަދާކުރާ އަޅުކަމަކަށްވުމާއެކު، ހައްޖުގެ ކަންކަން ހަރުދަނާ ކުރެއްވުމަށްޓަކައި ސަޢުދީން ކުރައްވަމުންގެންދަވާ މަސައަކްތަތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ.
އަދި ހައްޖުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަަކައި ސަޢުދީން ރާއްޖެއަށް މިހާރު ދެމުން އަންނަ 1000ކޯޓާގެ އިތުރަށް ކޯޓާ ދިނުމަށް ސަރުކާރުން ގެންދަވަނީ ސައުދީގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.