ޚަބަރު

ދަނބިދޫއިން ރައީސަށް ހޫނު މަރުހަބާއެއް


  • އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެ

  • ދަނބިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދަނބިދޫއަށް ވަޑައިގެންފިއެވެ.

ލ. ދަނބިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދަނބިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ ދަނބިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައިވެސް، ރައީސްގެ އަރިހުގައި ދައުލަތުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.