ޚަބަރު

ވިކްޓްރީގެ ކޮލިޓީ އެބަހުރި ނިއުރޭޑިއަންޓް ހައިރާންކޮށްލާނަން: ޖޯޖްލީ


  • ވިކްޓްރީން ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި

  • ކުރިޔަށް އޮތީ އުނދަގޫ މެޗެއް، އެކަމަކު ވިކްޓްރީގައި ކޮލިޓީ އެބަހުރި

ކުރިޔަށް އޮތީ އުނދަގޫ މެޗެއް ކަމަށާއި އެހެންނަމަވެސް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޮލިޓީ އެބަހުރި ކަމަށާއި މިއަދުގެ މެޗުގައި ހައިރާން ކޮށްލާނެ ކަމަށް އެކުލަބުގެ ހެޑް ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ، ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯޖްލީ ބުނީ ޓްރޭނިންތަކުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށެވެ.

"ވަރަށް ޒިންމާދާރު ކަމާއެކީގައި ތައްޔާރުކުރަމުން މިދަނީ. ޓްރޭނިންތަކުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި. ދެން އެންމެ މުހިންމީ ޓްރޭނިންގައި ދަސްކުރިކަންކަން މެޗަށް ޓްރާންސްފާ ކުރުން" ޖޯޖްލީ ބުންޏެވެ.

ޖޯޖްލީ ބުނީ ވިކްޓްރީގެ ވަކިވަކި ކުޅުންތެރިންގެ ވަރަށް ރަނގަޅު ޕާފޯމެންސެއް ބޭނުންވާ ކަމަށާއި ޓީމު ޕާފޯމެންސްވެސް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. ނިއު އާއިދެކޮޅަށް ނިކުންނައިރު ނިއުއަކީ މޮޅު ކުލަބެއް ކަމަށާއި މިވަގުތު ވިކްޓްރީން ގެންނަ ޓެކްނިކަލް ބަދަލުތައް ހާމަކުރަން ބޭނުން ނުވާކަމަށްވެސް ޖޯޖްލީ ބުންޏެވެ.

އެންމެފަހުން ވިކްޓްރީން އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ފާހަގަވި ކަންކަމަށް އިޝާރާތް ކުރަމުން ޖޯޖްލީ ބުނީ ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށެވެ. އަދި ޓްރޭނިންތަކުގައި އެކަންކަމަށް ފޯކަސްކޮށްގެން މިއަދުގެ މެޗަށް ނިކުންނައިރު ބަދަލުތައް ފެންނާނެ ކަމަށް ފާހަގަކުރިއެވެ.

ނިއުރޭޑިއަންޓަކީ ވަރަށް ވަރުގަދަ ޑިފެންސެއް އޮތް ވަރުގަދަ ޓީމެއް ކަމަށާއި މެޗު ކޮންރޯލް ކުރަން ބޭނުންވާ ޓީމެއްނަމަވެސް ވިކްޓްރީންވެސް ދޫ ނުދޭނެ ކަމަށާއި މިއަދުގެ މެޗުގައި ވިކްޓްރީން ނިއުރޭޑިއަންޓް ހައިރާންކޮށްލާނެ ކަމަށް ޖޯޖްލީ ބުންޏެވެ.

ޖޯޖްލީ ބުނީ ވިކްޓްރީ ސްޕޯޓްސް ކުލަބު ދަސްކުރަން އޭނާއަށް އަދި ވަގުތު ބޭނުންވާ ކަމަށާއި، ކުލަބަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް ކުރިޔަށް އޮތްތަނުގައި ގެންނަން ބޭނުންވާ ބަދަލުތަކާމެދު އަދި ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.