ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓް ކުލަބާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ ސްކޮޑަށް ބަދަލުތަކެއް އަންނާނެ ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.
އިންޓަރނޭޝަނަލް ބްރޭކަށްފަހު އަލުން ލީގު ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިސްތާރު ބުނީ މިއަދުގެ މެޗަށް ނިކުންނައިރު އަލަށް ޓީމުން ފެންނާނެ ކުޅުންތެރިއަކީ ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސްއަށް ކުރިން ކުޅެފައިވާ މުޙައްމަދު ސާބިގު ކަމަށެވެ.
އަދި އިންޓަރނޭޝަނަލް ބްރޭކަށްފަހު އަލުން ލީގަށް ނުކުންނައިރު އުއްމީދަކީ ކުރިއަށްވުރެ އެ ކުލަބުގެ ކުޅުން ރަނގަޅުވުން ކަމަށް ނިސްތާރު ބުންޏެވެ.
"ބުރު އެއީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން ނިކުންނަނީ. އެހެންވީމަ އީގަލްސް މެޗު ކަހަލަ މެޗަކަށް ވާނެހެން ހީވަނީ" ނިސްތާރު ބުންޏެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް އެންމެ ފަހު ކުޅުނީ ކުލަބު އީގަލްސްއާ ދެކޮށެވެ. އެ މެޗުގައި ގްރީން ސްޓްރީޓްސްއިން ވަނީ 3-2 ގެ ނަތީޖާއަކުން އީގަލްސް ބަލިކޮށްފައެވެ. އެއާއެކު ގްރީން ސްޓްރީޓްސް އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.