ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާާ: ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެ


  • އޭނާގެ ހަށިގަނޑު ފެނިފައިވަނީ އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާ ދަނިކޮށް

  • އޭނާ އަކީ ސްރީލަންކާގެ ރައްޔިތެއް

ބުރާސްފަތި ދުވަހުގެ ފަތިހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ފަހު މީހާއެވެ.

އޭނޭގެ ހަށިގަނޑު ފެނިފައިވަނީ، އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ބުރާސްފަތި ދުވަހު ބަނޑުން ޖަހާލި ކޮޅުވެއްޓި، "އަލްމާކް-ފިޔަ" އިން ގެއްލުނު މީހުންގެ ތެރެއިން 3 ވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ވަގުތެއްގައި ހިނގި މި ހާދިސާ ހިނގިއިރު، ކޮޅުވެއްޓި ދަތުރުކުރަމުންދިޔައީ މާލެ އަތޮޅު އެރިޔަދޫއަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން، 3 މީހުން ގެއްލިގެން ރިޕޯޓުކުރިއެވެލ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭއިރު، ފުރަތަމަ ފެނިފައިވަނީ އޭނާގެ ހަށިގަނޑެވެ.

ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ޙޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެދުވަހު ހެނދުނު ފެނިފަވަނީ، ގއ.ދާންދުއަށް ނިސްބަތްވާ އަޙުމަދު ޝިފާންގެ ހަށިގަނޑެވެ. ގެއްލިގެން ހޯދަމުން ދިޔަ ދެވަނަ މީހާއަކީ އިންޑިއާ ރައްޔިތެކެވެ. އޭނާ ހަށިގަނޑު ފެނިފައިވަނީ އެދުވަހުގެ މެނދުރެއްހާއިރުއެވެ. އޭގެ ފަހުން ސްރީލަންކާއަށް ނިސްބަތްވާ ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކޮށްފައިވާއިރު އޭނާ ހަށިގަނޑު ފެނިފައި މިވަނީ ގެއްލުނުތާ 3 ދުވަސް ފަހުންނެވެ.

މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި އަނެއް 4 މީހުން ވަނީ ސަލާމަތްވެފައެވެ.