ޚަބަރު

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުގެ ބަޖެޓުން އިންޝިއުރެންސް ހަމަޖައްސަނީ


  • ވަޒީރު ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން އިންޝިއުރެންސް ހަމަޖެހޭނެކަމަށް

  • އިންޝިއުރެންސް ކުންފުނިތަކުން މިކަމަށް ބޮޑު އެއްބާރުލުމެއްދޭކަމަށާއި މިއަހަރު މިކަން އިއުލާނު ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި

ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އިންޝުއަރެންސް އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާ އެކަން މިއަހަރު ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝިއުރެންސް ހަމަޖައްސައިދިނުމަށް ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު މިހާރު އެފައިސާ ބަޖެޓުގައި ހިމަނަށް ނިންމަވާފައިވާކަމަށެވެ. ފަހުންވެސް ބައެއް ޕްރޮޕޯސަލްތައް ލިބިފައިވާތީ މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތެއް ދެނެގަތުމަށްފަހު އަންނަ އަހަރުގެ ބަޖެޓުން އެކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝިއުރެންސް ދިނުމުގައި މީގެކުރިން ގޮންޖެހުމަކަށް ވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެކަމަށްވެސް ހައްލެއް ހޯދިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވަކި ކުޅުންތެރިޔަކަށް އިންޝިއުރެންސް ދިނުމުގެ ބަދަލުގައި ވަކި އަދަދެއް ކަނޑައަޅައިގެން އެކަން ކުރެވޭގޮތަށް މިހާރު ކުންފުނިތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ވާހަކަދެކެވި އެކަމަށްވެސް ހައްލު ހޯދިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައު ޕްރޮޕޯސަލްތަކެއްވެސް އެބަހުރި ލިބިފައި މިއަހަރު ތެރޭގައި އިއުލާނު ކުރެވިގެންދާނެ. އިންޝިއުރެންސް ކުންފުނިތަކުން ވަރަށް ބޮޑަށް މިކަން ކޮށްދޭން ބޭނުން. ކުރިން އޮތީ ޗެލެންޖަކަށްވެފަ ސްކޮޑުން ކުޅުންތެރިން ބަދަލުކުރަންޖެހޭ ކަންތައް. އެކަންތައް މެނޭޖުކުރާނެ ގޮތް މިހާރު އޮތީ ހޯދިފަ. ޕޫލްއެއް ހެދޭ ގޮތަށް ނަމްބާސްއިން މިސާލަކަށް 200
މީހުންގެ ޕޫލަކަށޭ އިންޝިއުރެންސް ލިބޭނީ. ސްކޮޑުން ކުޅުންތެރިން ބަދަލުވާއިރު އައު ކުޅުންތެރިޔާ އެ ޕޫލަށްލީމަ އެހެރީ އިންޝިއުރެންސް ލިބިފައި" ވަޒީރު ވިދާޅުވިއެވެ.

ގައުމީ ޓީމުތަކަށް އައުމަށް ކުޅުންތެރިން މަސައްކަތްކުރަންވީ ކީއްވެގެންކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މޮޅަށް ކުޅެންވީ ކީއްވެގެންކަން ނުވަތަ މޮޅަށް ކުޅެގެން ލިބެނީ ކޮން ފައިދާއެއްތޯ މީ އަބަދުވެސް ކުރަންޖެހޭ ސުވާލެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ކުޅުންތެރިން މޮޅަށް ކުޅެންީ ކީއްވެތޯ އާއި މޮޅަށް ކުޅެގެން ލިބޭ ފައިދާއަކީ ކޮބައިތޯ މީ ކުރަން ޖެހޭ ސުވާލެއް ކަމަށެވެ. އަދި މޮޅަށް ކިޔަވައިފިއްޔާ ސްކޮލަރޝިޕް ލިބޭ އުސޫލުން ކުޅިވަރަށް މޮޅު ކުދިންނަށް ުޅީވަރުގެ ދާއިރާއިން ކުރިޔަށް ދިއުމަށް ސްކޮލަރޝިޕް ލިބެން ޖެހޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މިސަރުކާރުން އަރުތަ ޕްރޮގްރާމް މޮޑިފައިކޮށްފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އަރުތައަށް އެ ގެނެވުނު ބަދަލަށް މިއަހަރު ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.

"އަރުތަ ޕްރޮގްރާމަށް ކުއްޖާ އައިސްސަ އެކުއްޖާއަށް ސްކޮލަރޝިޕް ލިބޭ އިރުގަ އެއީ ސްޕޯޓްސް މެރިޓަށް ދޭ ސްކޮލަރޝިޕެއްގެ ގޮތުގައި. ކުޅިވަރަށް މޮޅު ކުއްޖެއްވިއްޔާ އެ ކުއްޖާއަށްވެސް ސްކޮލަރޝިޕް އެބަ ލިބެން ޖެހޭނެ. އެހެންވީމަ އެކުއްޖާ ބޭރަށް ފޮނުވާނަމަ އެ ކުއްޖާ ދާނީ އެޑިއުކޭޝަންގެ ޕެކޭޖާވެސް އެއްކޮށޭ" ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އަރުތައިގެ ދަށުން ގައުމުތަކުގައި ޓްރޭނިން ހަދަން ތިބޭ އެތުލީޓުން ވަކި ހިސާބަކުން މެދު ކަނޑާލާފައި އޯލެވެލް ދުވަސްވަރު ނުވަތަ އޭ ލެވެލް ޓެސްޓަށް އެނބުރި އަންނަން ނުޖެހޭނެ ކަމަށާއި، އެފަދަ އެތުލީޓުންގެ ކިޔެވުމުގެ ކަންކަންވެސް އެ ސްކޮލަރޝިޕްގެ ތެރެއިން ހަމަޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރަކުން ރާއްޖެއަށް މެޑަލް ހޯދައިދީ ބޮޑަތި ކާމިޔާބީ ހޯދައިދިނުމަށްފަހު ރިޓަޔަރ ކުރަން ބޭނުންވާނަމަ ކުޅިވަރުގެ ދާއިރާ ދޫކޮށް ނުދާނެހެން އެ ކުޅުންތެރިއަކު ދާއިރާގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު އަލަށް އުފައްދާ ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން ރިޓަޔަރ ކުރާ ކުއްޖެއް ބޭނުންވާ ކުޅިވަރާއި ގުޅޭ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދީ ރިޓަޔަރ ކުރުމަށްފަހު ކުރާނެ މަސައްކަތެއް ހޯދައިދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.