80ގެ އަހަރުތަކުގައި ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަންނަ އަންގާރަ ދުވަހު ނުކުންނަ މެޗު ފޯރިގަދަކުރުމަށް ދެ ޓީމުންވެސް ވަރުގަދަ ކެމްޕެއިންތަކެއް ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން އަންނަ މި ދެ ޓީމުންވެސް މިފަހަރު ނިކުންނަނީ އެއް ޓީމަށްވުރެ އަނެއް ޓީމު ވަރުގަދަވާނެ ކަމަށެވެ. މި ދެ ޓީމުންވެސް ބުނަނީ ސަޕޯޓަރުންގެ ފޯރިގަދަކޮށް ފެންނާނެ ކަމަށާއި، ކުޅުންތެރިންނަށް ބެލިކަމުގައިވިޔަސް މިފަހަރު ނިއު ރޭޑިއަންޓާއި ވިކްޓަރީގައިވެސް ވަރުގަދަ ކުޅުންތެރިން ތިބި ކަމަށެވެ.
ދެ ޓީމުންވެސް އަލުން ފުޓްބޯޅައިގެ ފޯރި ގެނައުމަށް ގަލޮޅު ދަނޑަށް ވަންނަ ސަޕޯޓަރުން ގިނަ ކުރުމަށް މަސައްކަތް ފަށާފައިވާއިރު، މި ދެ ޓީމަކީވެސް ލީގުގައި ވާދަކުރާ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ދެ ޓީމެވެ.
އަދި 80ގެ އަހަރުތަކުގައި ގައުމީ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލިއިރު ވިކްޓަރީން ބޭނުންކުރި ޖާޒީ އަލުން ވުޖޫދުކޮށް، ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުންނަ މެޗަށް ވިކްޓަރީން ބޭނުންކުރާނީ އެ ޖާޒީއެވެ.
ސީޒަން ފެށުނު ފަހުން ވިކްޓަރީން ވަނީ އެ ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ސްލޮވާކިއާގެ 48 އަހަރުގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ގެރީ، ގެނެސްފައެވެ.
އަލުން ވަރުގަދަކޮށް އެނބުރި އައުމަށް ވިކްޓަރީން ވަނީ ސަރުކާރުގެ އިސްވެރިން ހިމެނޭހެން އައު ބޯޑެއް އެކުލަވާލާ ބޯޑުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އިންތިޚާބުކޮށް ކުލަބުގެ މެނޭޖުމެންޓްވެސް ވަރަށް ވަރުގަދަކޮށްފައެވެ.
އޭގެ ތެރޭގައި ވިކްޓަރީގެ ނައިބު ރައީސްކަމަށް ކުރިން ކުލަބުގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އަދި ޢަބްދުﷲ ވަހީދު ވަނީ އިންތިޚާބުކޮށްފައެވެ.
ބޯޑު މެންބަރުންގެ ތެރޭގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީވެސް ހިމެނޭހެން ވަރުގަދަ ޓީމެއް ވަނީ އެކުލަވާލާފައެވެ.
ހަ އަހަރުފަހުން ނިއު ރޭޑިއަންޓާ ދެކޮޅަށް ވިކްޓަރީ ނިކުންނައިރު 80ގެ އަހަރުތަކުގައި ބޭނުންކުރި ޖާޒީގައި ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ވިކްޓަރީން ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި ޖާޒީ ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. މީގެ އިތުރުން ގަލޮޅަށް ނިސްބަތްވާ ވިކްޓަރީން ގަލޮޅު ކަންމަތީގައި ޚާއްސަ ހަރަކާތްތައް ބާއްވަން ނިންމާފައިވާއިރު، ސަޕޯޓަރުންގެ ސައިތައްވެސް ބާއްވާން ވަނީ ހަމަޖެހިފައެވެ.
އަދި ދެ ކުލަބުގެ ލެޖެންޑުން ބައިވެރިކޮށްގެން ނިއު ރޭޑިއަންޓާއި ވިކްޓަރީންވެސް އަންނަނީ ސޯޝަލް މީޑިއާގައި ޚާއްސަ ކެމްޕެއިންތަކެއް ކުރަމުންނެވެ.