އަންހެނުންގެ ކްރިކެޓް ވޯލްޑް ކަޕް ބަލަމުންދާ މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އަރައިފިއެވެ.
ސްރީ ލަންކާ އާއި އިންޑިއާގައި މިހާރު ކުރިއަށްދާ މުބާރާތުގައި މިހާތަނަށް 13 މެޗު ކުޅެފައިވާއިރު މިހާތަނަށް މުބާރާތް ބެލި މީހުންގެ އަދަދު ވަނީ 60 މިލިއަނަށް އަރައިފަ އެވެ. މިއީ ޓީވީ އާއި ސޯޝަލް މީޑިއާ އާއި ދަނޑަށް ވަދެގެން ބެލި މިންވަރެވެ.
"މިއީ 2022 ވަނަ އަހަރުގެ މުބާރާތާ އަޅާ ބަލާއިރު ފަސް ގުނަ އިތުރު އަދަދެއް. ފުރަތަމަ 13 މެޗުން މުބާރާތް ބަލި މީހުންގެ އަދަދު ވަނީ 60 މިލިއަން ފަހަނަ އަޅައި ގޮސްފައި،" އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ބަޔާނުގައިވެ އެވެ.
އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފައިނަލް ކުޅެން ހަމަޖައްސާފައިވާ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ބަޔަލު ބެލި މެޗަކީ އިންޑިޔާ އާއި ޕާކިސްތާން ބައްދަލު ކުރި މެޗެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މެޗު 28.4 މިލިއަން މީހުން ބަލާފައިވެ އެވެ.
މި މުބާރާތަކީ އެންމެ ފަހުގެ ފިރިހެނުންގެ ކްރިކެޓް ވޯލްޑް ކަޕަށްވުރެ އިނާމް ފައިސާ ބޮޑުކޮށް ބާއްވާ މުބާރާތެއްގެ ގޮތުގަ އެވެ. މި ގޮތުން މުބާރާތުގެ އިނާމް ފައިސާގެ ގޮތުގައި 11.9 މިލިއަން ޔރީގެ ފައިސާ ބަހާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މި މުބާރާތުގެ މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ އޮސްޓްރޭލިޔާ އެވެ. އެ ގައުމުން މަސައްކަތް ކުރަމުންދަނީ ނުވަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށެވެ.
މި މުބާރާތުގެ ޕާކިސްތާނުގެ ހުރިހާ މެޗެއް ކުޅެނީ ސްރީލަންކާގަ އެވެ. އެއީ އިންޑިޔާ އާއި ޕާކިސްތާނުގެ ސިޔާސީ ކޯޅުމުގެ ސަބަބުން އެ ގައުމުގައި މެޗުތައް ކުޅެން ޕާކިސްތާނު ވެސް ބޭނުން ނުވާތީ އެވެ.