ޕްރޮސެސިން ފެސިލިޓީއާއެކު ދަނޑުވެރިކަމުން އުފައްދާ ތަކެތި މާކެޓުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ށ. އަތޮޅު ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވެއްޖެއެވެ.
ގޮއިދޫގައި ޤާއިމުކުރާ ފުޑް ޕްރޮސެސިން ފެސިލިޓީއަކީ ސާކް ޑިވެލޮޕްމަންޓް ފަންޑް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ގޮއިދޫގެ ދަނޑުވެރިކަމަށް ބަލާއިރު ބޮޑު އިންސައްތައެއް މިހާރުވެސް ދަނޑުވެރިކަން ކުރަނީ ފަސްގަނޑުގައިކަމަށެވެ. އެހެންނަމަވެސް ދަނޑުވެރިކަން ކުރިއަރާ ދާނީ ޒަމާނާ އެއްގޮތަށް ދަނޑުވެރިކަން ބަދަލުކޮށްގެންކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ޒަމާނާ އެއްގޮތައް ދަނޑުވެރިކަން ބަދަލުވެގެންދާއިރު ރަށުގެ ދަނޑުވެރިންވެސް ޒާމާނީ އާލާތް ބޭނުންކޮށް އެކަމަށް ދަނޑުވެރިން ބަދަލުވާން ޖެހޭކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިކަމުން އުފައްދާތަކެތި ރަނގަޅު ގޮތުގައި މާކެޓު ނުކުރެވުންކަމަށެވެ. މިއީ ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމައަގު ނުލިބޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރަހައްދީ ދަނޑުވެރިކަމަށްބެލިއަސް ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ވެލިއު އެޑް ނުވަތަ އަގުއެއްކޮށްގެން ތަކެތި އުފެއްދުމަށްޓަކައި އިމާރާތްކުރާ ޕްރޮސެސިން ފެސިލިޓީއަކީ ވަރަށް އުންމީދީ ޕްރޮޖެކްޓެއްކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަކީ ދަނޑުވެރިކަމުން އުފައްދާތަކެތި މާކެޓު ކުރުމުގައި ދިމާވާ މައްސަލަ ހައްލުވެގެންދާނެ ޕްރޮޖެކްޓެއްކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ ދަނޑުވެރިންނަށް އިތުރު ނަފާވެރިކަމެއް ލިބިގެދާނެ މަސައްކަތެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ވެލިއު އެޑް ޕްރޮޖެކްޓަކީ ވަރަށް އުންމީދީ ޕްރޮޖެޖްޓެއް. ކުރިން މިދެއްކީ މާކެޓުގެ ވާހަކަ އުފައްދާތަކެތިން ކޮންމެ ބާވަތެއް ހާއްސަކޮށް އަޅުގަނޑުމެންނަށް މާކެޓު ނުކުރެވޭ ނުވަތަ ބާކީވާތަކެތި ޕްރޮސެސްކޮށް އެޔަށް ވެލިއު އެޑްކުރެވިއްޖެކަމަށް ވަންޏާ އެއީ ހަމަ މިހާރު އޮތް މާކެޓު މައްސަލަވެސް ހައްލުވާނެކަމެއް. ދަނޑުވެރިންނަށް އިތުރު ނަފާވެރިކަމެއް އެކަމުންވެސް ލިބިގެންދާނެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް ކާމިޔާބުވެ މިތަނުން ވެލިއު އެޑް ތަކެތި އުފެއްދިއްޖެކަމަށް ވަންޏާ މީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ގަބޫލުކުރަން" ޝާހިދު ވިދާޅުވިއެވެ.
ށ. އަތޮޅު ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ކުރިއަށް އޮތް 10 އަހަރަށް ބަލާއިރު ގޮއިދޫގައި ދަނޑުވެރިކަން ކުރާ ބޮޑު އިންސައްތައެއް ޒަމާނީ ދަނޑުވެރިކަމަށް ބަދަލުވެގެންދާނެކަމަށެވެ. އަދި ޒަމާނީ ދަނޑުވެރިކަމަކަށް ބަދަލުވެގެން ނޫނީ ދަނޑުވެރިނަށް އޭގެ ހެޔޮ މަންފާ ނުކުރާނެކަމަށާއި ރާއްޖޭގެ މާކެޓަށް ބޭނުންވާ ގޮތަށް ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް ބަދަލުގެސްގެން ހަގީގީ މާކެޓެއް އުފެއްދިދާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.