ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލަންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އެއްބަސްވުން އައުކޮށްފިއެވެ. މި އެއްބަސްވުމާއެކު 2029 ގެ ނިޔަލަށް އޭނާ ހުންނާނީ ބާސެލޯނާގަ އެވެ.
ޑި ޔޮންއަކީ ބާސެލޯނާގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެ ކުލަބުން އެއްބަސްވުން އައުކުރަން ބޭނުންވާ ކުޅުންތެރިންގެ ތެރެއިން އެންމެ ފަހު ކުޅުންތެރިޔާ އެވެ.
ނެދަލަންޑްސްގެ އަޔެކްސްއިން 86 މިލިއަން ޔޫރޯއަށް 2019 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އޭނާ ވެފައިވަނީ ކުލަބުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ. މިހާރު އޭނާ އަކީ ޓީމުގެ އެއް ވައިސް ކެޕްޓަނެވެ.
އެއްބަސްވުން އައުކުރުމަށްފަހު ޑި ޔޮން އެންމެ ބޮޑަށް ވާހަކަ ދެއްކީ އޭނާގެ މުސާރައާ ބެހޭ ގޮތުންނެވެ. މި ގޮތުން މުސާރަ ހާމަ ކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ.
"އަހަރެންގެ މުސާރަ މިތަނުގައި ބުނާކަށް ނެތިން. އެކަން އަހަރުމެން ވާނީ ސިއްރު ކޮށްފައި. އެކަމަކު ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރެންގެ މުސާރައާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކައިފި. އެއިން އެއްވެސް ވާހަކަ އަކީ ޔަގީން ވާހަކަތަކެއްނޫން. މުސާރައޭ ކިޔާފައި ދައްކާފައިހުރި އަދަދު ތަކަކީ ރަނގަޅު އަދަދުތަކެއްނޫން،" ޑި ޔޮން ބުންޏެވެ.
ބާސެލޯނާއިން ޑިޔޮންގެ އެއްބަސްވުން އައުކުރިއިރު، އެ ކުލަބުން ވަނީ މީގެ ދެ ދުވަސް ކުރިން މުހިންމު ނިންމުމެއްވެސް ނިންމާފަ އެވެ. އެއީ ޕޮލަންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ އެއްބަސްވުން އައުނުކުރުމަށެވެ. އުމުން 38 އަހަރުގެ ކުޅުންތެރިޔާ މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމީ އޭނާގެ އެއްބަސްވުންވެސް ހަމަވާތީއެވެ.