ޚަބަރު

ނަރުދޫ ޞިއްޙީ މަރުކަޒު، އައު އިމާރާތުގެ މަސައްކަތް އާރްޑީސީއަށް


  • އެއްބަސްވުމުގައި ސޮއިކުރެއްވީ، ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިލް

  • އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް އާރްޑީސީއާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަހުމަދު ޤާސިމްއެވެ. އަދި ރޯޑް ޑިވެލޮޕްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް އެކި ކުންފުނިތަކާ އަންނަނީ ހަވާލުކުރަމުންނެވެ.

ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތ ކުރުމަށް ހަވާލުކުރި އާރްޑީސީއަކީ، ވޭތުވެދިޔަ އހަަރުތަކުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.

އަދި މިހާރުވެސް އާރްޑީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރުޢުތަކެއް ކުރަމުންނެވެ.