ޚަބަރު

އައިވަރީ ކޯސްޓާއި ސެނެގާލް ވޯލްޑް ކަޕަށް


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާވޯލްޑް ކަޕަށް އެފްރިކާއިން އޮޓޮމެޓިކުން ކޮލިފައިވާ ފަހު ދެ ޖާގަ އައިވަރީ ކޯސްޓާއި ސެނެގާލްއިން ހޯދައިފިއެވެ.

ސެނެގާލް އިން ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ ކޮލިފައިންގެ ގްރޫޕް ބީ ގައި އަމިއްލަ ގައުމުގައި މޮރިޓޭނިއާ އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.

މި މެޗުގައި ސެނެގާލް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކެޕްޓަން ސަޑިއޯ މާނޭ ޖެހިއިރު އަނެއް ދެ ލަނޑަކީ އިލިމަން އެންޑިޔާއޭ އަދި ހަބީބު ޑިއާލޯ ކާމިޔާބުކޮށްފައިވާ ދެ ލަނޑެވެ.

ސެނެގާލް މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ބީ ގައި ކުޅުނު 10 މެޗުން ޖުމްލަ 24 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ކޮންގޯ އަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

އައިވަރީ ކޯސްޓް އިން ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އެފް ގައި ކެންޔާ އާއި ދެކޮޅަށް ކުޅޫނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.

މި ނަތީޖާ އާއިއެކު އައިވަރީ ކޯސްޓް އިން ވަނީ ގްރޫޕްގައި ކުޅުނު 10 މެޗުން ޖުމްލަ 26 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް ގެބޮން އަށް 10 މެޗުން ލިބިފައިވަނި 25 ޕޮއިންޓެވެ.

2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވާ އައިވަރީ ކޯސްޓް އަށް މި މެޗުގައި ލަނޑު ޖަހައިދީފައިވަނީ ފްރެންކް ކެސީ އާއި ޔާން ޑިއޮމެންޑޭގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ އަމަދް ޑިއާލޯ އެވެ.

އައިވަރީ ކޯސްޓް އިން ކޮލިފައިންގައި ކުޅުނު 10 މެޗުގައި ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަދެފައެއް ނުވެއެވެ. އަދި އެ ޓީމުން ވަނީ ޖުމްލަ 25 ލަނޑު ޖަހާފަ އެވެ.

ވޯލްޑްކަޕަށް އެފްރިކާ އިން މިހާތަނަށް ކޮލިފައިވެފައިވާ ގައުމު ތަކަކީ އައިވަރީ ކޯސްޓާއި ސެނެގާލްގެ އިތުރުން މޮރޮކޯ އާއި ޓީއުނީޝިއާ އާއި އަލްޖީރިއާގެ އިތުރުން ގާނާ އާއި ކޭޕް ވާޑޭ އަދި ސައުތު އެފްރިކާ އެވެ.