އުރީދޫ ފިންޓެކްއާއި ޕޭޕަލް ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިޚިދުމަތް ތަޢާރަފްކުރުމުގެ މަސައްކަތް ފެށުމުން ސަރުކާރުންވަނީ މަރުޙަބާ ދަންނަވާފައެވެ.
ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
އަދި އެމަނިކުފާނުވަނީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރައްވާނެކަން ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ވިދާޅުވެފައެވެ. މިކަން ހާސިލްކުރުމަށް ސަރުކާރުން ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ޕޭޕަލްގެ ޚިދުމަތަކީ ފައިސާގެ މުޢާމަލާތްކުރުމުގައި ބައިނަލްއަޤުވާމީ މަންސަތަކުގައި ކުރިއަރާފައިވާ ޕްލެޓްފޯމަކަށްވާއިރު އެޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަކީ ގިނަ ޒުވާނުން އަދި ވިޔަފާރިވެރިން އެދެމުންދިޔަ ޚިދުމަތެކެވެ. އެހެންކަމުން އުރީދޫ ފިންޓެކްއާއި ޕޭޕަލް ގުޅިގެން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު، އެއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އަންނާނެ އިންޤިލާބީ ބަދަލެކެވެ.
މިޚިދުމަތް ތަޢާރަފްކުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްއިން ކުރި ޕޯސްޓެއްގައިވަނީ ޕޭޕަލް ރާއްޖެއަށް ތަޢާރަފްކުރުމަށް ގުޅިގެން މަސައްކަތްކުރަމުންދާކަން ޢިއުލާންކޮށްފައެވެ. އަދި މިއެއްބަސްވުމާއެކު ދިވެހި ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ލިބިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ. އަދި މި ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި އުރީދޫ އެމްފައިސާ މެދުވެރިކޮށް ލިބިގެންދާނެކަމަށް އުރީދޫއިން ވިދާޅުވެއެވެ.
Ooredoo Fintech and PayPal have announced their intent to collaborate in Maldives and are actively working on finalizing details of the partnership.
— Ooredoo Maldives (@OoredooMaldives) October 14, 2025
The intended partnership is expected to benefit both consumers and businesses in the Maldives. Expected to go live in 2026,… pic.twitter.com/cI3lFTEJv9
މިޚިދުމަތާއެކު ރާއްޖެއިން ބޭރުގައި ގަނެވިއްކުމުގެ ފުރުޞަތު ދިވެހީންނަށް ލިބިގެންދާނެކަމަށާއި، މިއާއެކު ރާއްޖެއިން ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ބާރަކަށް ވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މިޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރަން ކުރަމުންދާ މަސައްކަތަކަށް މަރުހަބާ ވިދާޅުވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ސަރުކާރުގެ ޑިޖިޓަލް އިޤްތިޞާދުގެ މުހިއްމު އަމާޒަކަށް ވަޞީލުވުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ. މިއާއެކު ފައިސާގެ މުޢާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ޚިދުމަތެއް ތަޢާރަފްކުރުމުގެ އިތުރުން ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭ ފައިސާގެ މުޢަމަލާތުކުރުމުގައި ބޭނުންކުރާ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ރާއްޖޭގައި ލިބޭނެ މަގުފަހިކުރުމަކީ ސަރުކާރުގެ ވަޢުދެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލަންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ތައްޔާރުކުރާ ފަރާތްތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ޙަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޕޭޕަލް ފަދަ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުމުގައި ގިނަ ހުރަސްތަކެއް ރާއްޖޭގެ ނިޒާމުގެ ތެރޭގައި ހުރިއިރު، އެކަންކަމަށް ހައްލުގެނެއުމަށް ވަރަށް ގިނަ މަސައްކަތްކުރެވިފައިވާކަމަށެވެ. އެހެންކަމުން ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެން ދިޔުމާއެކު ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދޭނެ ފަދަ މާލީ މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރައްވައެވެ.