ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހެވެ. މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރެއެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ އެކުވެރި ދައުލަތްތަކުގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ (އެފްއޭއޯ) 1945 ގައި އުފެދުނު ދުވަހާ ގުޅުވައިގެންނެވެ.
ދުނިޔޭގެ ލާބޯތަކެތީގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ހޭންޑް އިން ހޭންޑް ފޯރ ބެޓަރ ފުޑްސް އެންޑް އަ ބެޓަރ ފިއުޗަރ" ނުވަތަ "ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ" މިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބަނޑުހައިހޫނުކަން ނައްތާލުމާއި، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމެވެ. މީގެއިތުރުން ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، މިކަންކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަކީވެސް މި ދުވަހުގެ މަޤްޞަދެކެވެ.
ކާބޯތަކެތީގެ ދުވަސް އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފާހަގަކުރަން ފެށިފައިވަނީ 1980 ގެ ކުރީކޮޅުގައެވެ. މިދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.
މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ. މި ދުވަސް ފާހަގަކުރަނީ ޖަނަވާރުންގެ ދުވަހާއި، ދަނޑުވެރިކަމުގެ ދުވަހާއި އަދި ކާބޯތަކެތީގެ ދުވަސް އެއްކޮއްލައިގެންނެވެ.
އެގޮތުން މި ހަރަކާތުގައި މައުލޫމާތުދިނުމާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް އޮންނާނެއެވެ. މީގެއިތުރުން ދުވަހާއި ގުޅުވައިގެން ޚާއްސަ ކުރެހުމުގެ މުބާރާތެއްވެސް މިހާރު ވަނީ ފަށާފައެވެ.
ކާބޯތަކެތީގެ ދުވަހެއް ފާހަގަކުރާއިރު ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމެވެ. ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ގިނަކޮށް އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އެގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ ބިންބޮޑެތި ރަށްރަށުގައި ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރުއް ބަނބުކެޔޮ ފަދަ ގަސްތައް ދަނީ ރަށްރަށުގައި އިންދަމުންނެވެ.