އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ، މިހާރު ހަވާލުކުރަން ފަށާފައިވާ 4000 ހައުސިން ޔުނިޓްތަކުގެ ލިސްޓުގެ ވަރަށް ތަފްސީލީ ގިނަ މައްސަލަތަކެއް ތިލަކޮށްދެއްވާފައެވެ.
މީގެތެރެއިން އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއްކަމަކީ، ތަކުރާރުކޮށް އެއްބަޔަކަށް ފްލެޓްލިބިފައިވުމެވެ. ސަރުކާރުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، މީގެ ކުރީގެ ހައުސިން ސްކީމަކުން ފްލެޓްލިބިފަވާ 976 އާއިލާއަކަށް އައު ސްކީމްގައި ވަރަށް މަތިން މާކްސް ލިބި ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނިފައިވެއެވެ. 645 އާއިލާއެއް ފްލެޓް ލިސްޓަށް އެރީ 76އިން މަތިން މާކްސް ހޯދައިގެންނެވެ.
މީގެތެރޭގައިދެމަފިރިންނަށް ދެ ސްކީމަކުން ފްލެޓް ލިބިފަވުން ހިމެނެއެވެ. މިގޮތުން މީގެ ކުރިން ހިޔާ ސްކީމުން އަނބިމީހާއަށް ފްލެޓް ލިބިފަ އޮތް އިރު، މިފަހަރު ގެދޮރުވެރިޔާ ސްކީމުން ފިރިމީހާއަށް ފްލެޓް ލިބިފައިވެސް އެބަހުއްޓެވެ. ކޮންމެ ގޮތަކުން ބެލިއަސް މިއީ އެ ދެމަފިރިންނާ، ދަރިންނާއި ނުވަތަ އެއް އާއިލާއަކަށް ލިބޭ ދެ ފްލެޓެވެ.
އެތަށް ބައެއްގެ ކަންބޮޑުވުން ޢަމާޒުވީ، އެއްވެސް ވަރަކަށް ސަރުކާރުގެ ބޯހިޔާވަހިކަމެއް ލިބިފަނެތް އަދި އެކަމަށް މާ ޙައްގުވެރި އާއިލާތައް މިފަދަ ސްކީމްތަކުން މަޙުރޫމްވުމެވެ.
ގުރުއަތު ނަގައި، އެއްބަސްވުމުގައި ސޮއިކޮށްފައިވުމުން، އެ ފްލެޓްތައް އަތުލެވެނޭނެ އެއްވެސް ގޮތެއް ނެތްކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަނީ ވިދާޅުވެފަވެއެވެ. އެކަން އެގޮތަށް ނުކޮށް ވާނެ ޤާނޫނީ އިމެއް އޮތްތޯ ބެލުމަށް އެތަށް ގޮތަކުން މަސައްކަތްކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް މިކަމުގައި ގިނަ ބަޔަކު ސުވާލު އުފެއްދީ މާލެއާއި އަތޮޅުތަކުން ބޯހިޔާވަހިކަން ދިނުމުގައިއޮތް ފަރަޤެވެ. ކުރިން ރަށްރަށުގައި އޮތް އެ އުސޫލު ބަދަލުކޮށް، މިހާރު ބޯހިޔާވަހިކަން ލިބެނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށެވެ.
އެ އުސޫލުތަކަށް ބަދަލު ގެނައީ ހުށައަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއް ފްލެޓް/ރޯހައުސްފަދަ ބޯހިޔާވަހިކަމެއް އޮތްނަމަ އެކަމަށް މާކްސް ކެނޑޭ ގޮތަށެވެ.އަދި 18 އަހަރު ނުވާ ދަރިންގެ ނަމުގައި މިފަދަ ބޯހިޔާވަހިކަމެއް އޮތްނަމަވެސް، އެއަށްވެސް މާކްސް ކެނޑޭގޮތަށެވެ. މިއީ އެއްހަމައަކުން، އެންމެ ޙައްގުވެރި ފަރާތަށް، ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމެ ސްކީމުން ގޯތި ލިބޭކަން ކަށަވަރުކުރުމަށް ހަދާފަވާ ހަރުދަނާ އުސޫލެކެވެ.
ނަމަވެސް މާލެ ސަރަޙައްދުގެ ސްކީމްތަކުގައި، އަނބިމީހާ/ފިރިމީހާގެ ތެރެއިން ކުރިން އަމިއްލަ ނަމުގައި ފްލެޓެއް/ގެއެއް އޮތް މީހާ ފިޔަވައި، ދެމަފިރިންގެ ތެރެއިން އަނެއް މީހާ ވަކިން ފޯމު ހުށައަޅާނަމަ، އޮތީ އެއިން އެއްވެސް މާކުހެއް އުނި ނުވާ ގޮތަށެވެ.
އެ އުސޫލުގައި އޮތީ "މައި-އެޕްލިކަންޓްގެ ނަމުގައި އަދި ކޯ-އެޕްލިކަންޓްގެ ނަމުގައި މާލެ ސަރަޙައްދުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް ނެތްނަމަ، 25 މާކްސް ލިބޭގޮތަށެވެ.
ނަމަވެސް ފޯމު ލީއިރު، ކޯ-އެޕްލިކަންޓްގެ ގޮތުގައި އަނބިމީހާ/ފިރިމީހާ ހިމަނާފަ ނެތްނަމަ، ދެމަފިރިންކުރެ އެކަކަށް ކުރިން ލިބިފަވާ ބޯހިޔާވަހިކަމުގެ މަޢުލޫމާތު ހިމަނާކަށް ނުޖެހޭނެއެވެ. އެމީހަކަށް މާކްސް ދޭނީ މުޅިން އަލަށް ބޯހިޔާވަހިކަމަށްލާ މީހެއްގެ އުސޫލުންނެވެ.
މި އޫސޫލުން މާކްސް ދިނުމުގެ ސަބަބުން 645 އާއިލާއެއް، ދޮރުވެރިޔާ ސްކީމުގެ ލިސްޓަށް އެރީ 76އިން މަތިން މާކްސް ހޯދައިގެންނެވެ.
މިއާއެކު ލިސްޓުން އުނިވެގެންދަނީ، ކުރިން އެއްވެސް ސްކީމަކުން ބޯހިޔާވަހިކަން ލިބިފަ ނެތް އާއިލާތަކެވެ. ނަމަވެސް މިކަމުގައި އޮތީ، ތަކުރާރުކޮށް ފްލެޓް ހޯދުމަށް ހުށައެޅި ދެމަފިރިންގެ މައްސަލައެއް ނޫންނެވެ. ދެމަފިރިންނަށް އެގޮތަށް ފްލެޓް ނުލިބޭނެކަމަށް، މީގެކުރީގެ އެއްވެސް އުސޫލެއްގައި ލިޔެފައެއް ނެތެވެ. މިކަމުގައި އޮތީ ހަދާފަވާ ޤާނޫނުތަކާ ގަވައިދުތަކުގައި އޮތް ހުސްކަމެވެ. އެ މައްސަލައަށް ރިއާޔަތްކޮށްފަ ނެތުމެވެ.
މި މައްސަލަ ކޮންމެފަހަރަކުވެސް ފެންމަތިވަނީ، ލިސްޓު އާއްމުކޮށް ފްލެޓް ދޭން ނިމާފަހުންނެވެ.
އެގޮތުން ގެދޮރުވެރިޔާ ސްކީމަށް ބަލާއިރުވެސް، ލިސްޓު ނެރެ އެރެއިންއެރެއަށް ގުރުއަތުނަގައި، ޤާނޫނީގޮތުން ބަނދެވޭ އެގްރިމަންޓް ވަނީ ހަދާފައެވެ. މިކަން ދެން ބަދަލުކުރުމަކީ ޤާނޫނީގޮތުން ތަންދޭ ކަމެއް ނޫންކަމަށް ވުޒާރާއިން ވިދާޅުވިނަމަވެސް، އާންމުންގެ ވަރަށް ބޮޑު ފާޑިކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އަދި އެތަށް ބައެއްގެ ކަންބޮޑުވުން އަމާޒުވެ، ސަރުކާރުގެ މިފަދަ ސްކީމްތަކަށް އޮތް އިތުބާރު ގެއްލެމުންދާކަމަށް ޚިޔާލު ދަނީ ފާޅުކުރަމުންނެވެ.
ކުރިއަށް ހުރި ސްކީމްތަކުގެ އުސޫލުގެތެރެއިން މިކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއް އާއިލާއަކަށް ތަކުރާރުކޮށް ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަން ލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް، އެކަމާ ގުޅޭ ޤާނޫނީ ޙައްލުތައް ގެނައުމުގެ މަސައްކަތް މިހާރު މަޖިލީހަށް ހުށައަޅާފަވާ ބޯހިޔާވަހިކަމާ ބެހޭ ބިލުގެ ތެރެއިންވެސް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން މި ދާއިރާއިން ހުރި ޤާނޫނީ ހުސްކަން ބަލައި، އެކަމަށް ޙައްލުތަކެއް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ.