ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތުގެ %70 ނިމިއްޖެ


މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ޢިމާރާތްކުރައްވާ، އެންމެ ބޮޑު މިސްކިތް، ނުވަތަ އިސްލާމީ މަރުކަޒަކީ، މާލޭގައި ހުންނަ އިސްލާމީ މަރުކަޒާ ދާދި އެއްގޮތަކަށް ފަރުމާކުރައްވައިގެން ބިނާކުރައްވަމުން ގެންދަވާ މަރުކަޒެކެވެ. ތިނަދޫގެ ހުޅަނގު ފަރާތުން ބިނާގެ މަލަ ރީތިވާ ސަރަޙައްދެއްގައި އިސްލާމީ މަރުކަޒު އަޅުއްވަނީ،  60 ހާސް އަކަފޫޓްގެ ބިމެއްގައެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން "އެމް.އާރު.ޑީ.ސީ"ގެ ރީޖަނަލް މެނޭޖަރ އާޒިމް ޙުސައިން ވިދާޅުވީ، ތިނަދޫ އިސްލާމީ މަރުކަޒުގެ މަސަކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާކަމަށެވެ. ދެ ބުރިއަށް ޢިމާރާތްކުރައްވާ މި ޢިމާރާތުގެ ކޮންކްރީޓް މަސަކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށާއި، ރޭނުމާއި، މުންނާރު ހެދުމުގެ މަސަކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ. ތިނަދޫ އިސްލާމީ މަރުކަޒުގެ މަސަކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު، އަންނަ ޑިސެމްބަރު މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިމޭނެކަމަށް އެމް.އާރު.ޑީ.ސީން ވިދާޅުވެއެވެ. މިހާރު ކުރިއަށްދާ ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ހިމަނުއްވައިގެން އިސްލާމީ މަރުކަޒާއި، އިންވެގެންވާ މަގުތައްވެސް ތާރުއަޅުއްވައިގެން ރަނގަޅު ފެންވަރަކަށް ގެންދަވަނީ ހައްދަވައިދެއްވަމުންނެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ، އެއްހާސް މީހުންނަށް ނަމާދުކުރެވޭވަރުގެ މިސްކިތަކާއި ފައްސަތޭކަ މީހުންނަށް އެއްފަހަރާ ޖަލްސާކުރާ ކުރެވޭވަރުގެ މާލަމަކާއި ހަތަރު ކުލާސްރޫމާއި އޮފީހަކާއި ލައިބްރެރީއެއް ހިމެނޭ ގޮތަށް އިމާރާތްކުރައްވާ މަރުކަޒެކެވެ. މި މަރުކަޒުގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ޢިލްމީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

މިއީ ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ބިނާކުރައްވާ އިސްލާމީ މަރުކަޒެކެވެ. މި މަޝްރޫޢަށް 34.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.