ޚަބަރު

"ބޯޑަރ ލައިން ސިސްޓަމްތަކުގެ ތެރެއަށްވެސް ކުށްވެރިން ވަދޭ"


ކުށްކުރާ މީހުން މިއަދު ދަނީ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލެޖީ ބޭނުންކޮށްގެން ބޯޑަރ ލައިން އެޖެންސީތަކުގެ ނެޓްވޯކްތަކުގެ ތެރެއަށް ވަންނަމުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވިދާޅުވެއްޖެއެވެ. 

ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް "ސައިޓީސް" އާއި ބެހޭ މައުލޫމާތު ދެއްވުމަށް ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު މަޞީހް ވިދާޅުވީ، ކުށް ކުރާ މީހުން މިހާރު އެކަން ކުރަނީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚާއްޞަކޮށް ސްމާޓް ފޯނާއި އަދި އެއަށްވުރެވެސް ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ. 

މިގޮތުން މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބޯޑަރ ލައިންގައި މަސައްކަތް ކުރާ އެޖެންސީތަކުގެ ނެޓްވޯކްގެ ތެރެއަށް ވަދެ އެ ނެޓްވޯކްތަކުގައި ހުންނަ މީހުންގެ މައުލޫމާތު ބަދަލުކޮށް ވިޔަފާރިވެރިންގެ ނަންތައް އޮޅުވާލާ މަކަރާއި ހީލަތް ހަދަމުން ދާކަމަށް މަސީހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދުނިޔާގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައިވެސް މި މައްސަލަ ދިމާވެ، އެ ޤައުމުތަކުގެ ނެޓްވޯކްތަކުގެ ތެރެއަށް ވަދެ ޤަވާއިދާ ޚިލާފަށް މުދާ އެތެރެ ކުރުން ފަދަ ބޮޑެތި މައްސަލަތައް ފެންމަތި ވެފައިވާކަމަށާއި އެހެންކަމުން ދިވެހި ރާއްޖޭގެ ބޯޑަރ ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށް މަސީހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަން ވިޔަނުދިނުމަށް ބޯޑަރ ލައިންގައި މަސައްކަތްކުރާ ފަރާތްތަކުން އެއްފަރާތުން އަނެއް ފަރާތަށް މައުލޫމާތު ހިއްސާ ކުރެއްވުމަކީ، މުހިންމު ކަމެއް ކަމުގައެވެ.

"އަޅުގަނޑުމެން މިއަދު މިވަނީ ވަރަށް އިން އެތިކަލް ތިންކިންގ އެއްގައި. މިކަމާ ބެހޭގޮތުން މަޝްވަރާކޮށް އަޅުގަނޑުމެންގެ ބޯޑަރުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީވެސް އެފަރާތެއްގެ އެހުންނަ މައުލޫމާތު އެފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ ދިނުން އެއީ ވާޖިބެއް ކަމަށް ދެކި އެކަން ކުރަން ޖެހިއްޖެ. ބޯޑަރ ގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ދެކެން އެބަޖެހޭ އެފަރާތެއްގެ މައުލޫމާތު އަނެއް ފަރާތާއި ޚިއްޞާކޮށް މިގޮތަށް ސްމަގުލްކޮށް އުޅޭ ނުވަތަ ވަގު ވިޔަފާރި ކުރާ ކްރިމިނަލުން އަތުލައިގަތުމަށް ހިއްސާ ކުރަންޖެހޭ އެއްޗެއްކަން." މަޞީހު ވިދާޅުވިއެވެ.