ކުޅިވަރު

ކޯޗިންގައިވެސް ނާސިރު ކުރިއަށް


ޤައުމީ ޓީމާއި ނިއުރޭޑިއަންޓުން ފާހަގަކުރެވުނު އިތުބާރު ޑިފެންޑަރ މުޙަންމަދު ނާސިރު ކޯޗެއްގައި ގޮތުގައި އެކާމިޔާބީ ތަކުރާރުކުރަން ފަށައިފިއެވެ. އަތުޅު މުބާރާތާއި ޒޯން މުބާރާތުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް ތަޢާރަފްވެ، ނިއުރޭޑިއންޓްގެ އެންމެ މުޙިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނި އޭނާ ވަނީ ޤައުމީ ޓީމްގެ ދިފާއުގައިވެސް މުޙިންމު ދައުރެއް އަދާކޮށްފައެވެ.

ހދ.ހަނިމާދޫއަށް އުފަން އަދި މިހާރު އަމިއްލަ ރަށުގައި ދިރިއުޅެމުންދާ ކުރީގެ ޑިފެންޑަރު ކޯޗިންގ ކެރިއަރު ފެށީވެސް ކާމިޔާބީއާއެކުގައެވެ. 2014 ވަނަ އަހަރު ކޯޗިންގެ ތެރެއަށް ނިކުމެ، ފުރަތަމަވެސް އޭނާ ހޯދީ ކާމިޔާބީއެވެ. އެއަހަރުގެ އަތޮޅު މުބާރާތާއި، ޒޯންގެ ޗެމްޕިއަންކަންވެސް ރަށު ޓީމަށް ހޯދައިދިނެވެ. ޖެހިގެން އައިއަހަރުވެސް އޭނާގެ ޓީމެއް އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. ނަމަވެސް އެއަހަރު އޭނާ ޗެމްޕިއަންކަން ހޯދައިދިނީ ފިއްލަދޫ ޓީމަށެވެ.

މިއަހަރަކީ އޭނާގެ ކޯޗިންގ ކެރިއަކުގައި ތަފާތު އަހަރެކެވެ. ޚާއްޞަ އަހަރެކެވެ. މިއަހަރުގެ އަތޮޅު މުބާރާތަށް އެންމެ ރަނގަޅަށް، ޖޯޝާއި ފޯރީގައި ތައްޔާރުވި އެއް ޓީމަކީ ހދ.ކުޅުދުއްފުއްޓެވެ. މުޅި ރަށް ރަތް ކުލައިގައި ނިކުތީ އެރަށުގެ ފުޓްބޯޅައިގެ ކާމިޔާބީގެ ސިލްސިލާ އަލުން ފަށާށެވެ. އަމިއްލަ ފަސް ގަނޑުގައި ކުޅުދުއްފުށި ޓީމް ނިކުތީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ. ހަނިމާދޫ ޓީމްގެ އެންމެ މުޙިންމު އެއްޗަކަށްވީ ރަށަށް އުފަން ރަށު ކޯޗުގެ ތަޖުރިބާއެވެ. ނާސިރުގެ އިރުޝާދުގެ ދަށުން މުޅި ކުޅުދުއްފިށި ސިއްސުވާލިއެވެ. ގިނަ ބަޔަކަށް ޤަބޫލުކުރަން އުނދަގޫވި ނަތީޖާއަކުން ކުޅުދުއްފުށި ބަލިކޮށް ހަނިމާދޫ ޓީމް ޗެމްޕިއަންކަން ހޯދިއެވެ. 9-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.

އެމެޗަށްފަހު ހަނިމާދޫގެ ވަރަށްގުނަ ފަރާތްތަކުން ވަނީ ނާސިރުއަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ވަރަށްގިނަ ޕޯސްޓްތައް ޝެއަރކޮށްފައެވެ.

" މަރުހަބާ ނާސިރު. ތިއީ އެންމެ ކާމިޔާބު ކޯޗު " އޭނާއަށް ތައުރީފްކޮށް މީހަކު ލިޔެފައިވެއެވެ.

އެހެން މީހަކު ލިޔެފައިވަނީ ތިކަންވާނީ ނާސިރުއަށްކަމަށެވެ. ރަށު މީހުންގެ އިތުރުން ނާސިރުގެ ކްލާސް މޭޓުންނާއި، އޭނާގެ ކްލަބް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންވެސް ވަނީ އޭނާގެ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

އަތޮޅު މުބާރާތާއި ހިސާބން އޭނާގެ މަސައްކަތް އަދި ނުނިމެއެވެ. ކުރިއަށް ޒޯންގެ ތަށި ރަށު ޓީމަށް ހޯދައިދިނުން އޮތީއެވެ. އެއަށްވުރެ ބޮޑު އުއްމީދަކީ ކޯޗިންގައި ކުރިއަށް ދިއުމެވެ.

" ކޯޗިންގައި ކުރިއަށްދާން މިހުރީ. ދެވެން އޮތް އެންމެ ކުރިއަކަށް ދިއުން އުއްމީދަކީ " ނާސިރު ބުންޏެވެ.

އިސްކޮޅުން ދިގ ޑިފެންޑަރު ފާހަގަކުރެވުނީ އޭނާ ކުޅުނު ދުވަސްވަރު އިދިކޮޅު ފޯވާޑުންނަށް އެންމެ އުނދަގޫކުރާ ޑިފެންޑަރުގެ ގޮތުގައެވެ. ނިއުގެ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ނާސިރު ވަނީ ނިއުގެ އެންމެ ބޮޑު ކާމިޔާބީ އޭއެފްސީކަޕްގެ ސެމީފައިނަލަށް ދިއުމުގައި މުޙިންމު ދައުރެއް އަދާކޮށްފައެވެ.