ޚަބަރު

ވިލުފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


ތ. ވިލުފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމްއެވެ.

އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވިލުފުށި ކައުންސިލުގެ ރައީސްއާއި ކައުންސިލް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލުފުށި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ސްޓޭޑިއަމްގެ ލައިޓް ހަރުކުރުމާއި، ރޮސްޓްރަމް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 21.73 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭގައި ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.