ޚަބަރު

ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


މ. ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަޅައިފިއެވެ.

ކޮޅުފުށީގައި އިމާރާތްކުރާ އެފްއާރްސީގެ ބިންގާ އަޅައިދެއްވީ ފިނޭންސް އެނޑް ޕްލޭނިންގ މިނިސްޓަރ މޫސާ ޒަމީރާއި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރު ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކޮޅުފުށި ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

1485 މީހުންގެ އާބާދީއެއް އޮންނަ ކޮޅުފުށީގައި އިމާރާތްކުރާ އެފްއާރްސީގެ މަސައްކަތަކީ 4.61 މިލިއަން ރުފިޔާއަށް 220 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރިޓް މަސައްކަތްކުރުމާއި ފުރާޅު ހަރުކުރުމާއި ދަވާދުލުމުގެ މަސައްކަތް ހިމެނެއެވެ.

ކޮޅުފުށީ އެފްއާރްސީގައިވެސް އިންޑޯ ޖިމާއި އެރޮބިކްސް އަދި އެކި ކަހަލަ ބޯޑު ގޭމްތަކާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.