ގެދޮރުއެޅުމަށް މާލީގޮތުން ދަތިވެފައިވާ ފަރާތްތަކަށް، ދޫކުރާ "ހިޔާވެހި" ލުއި ލޯނު ލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއީ %5ގެ ކުޑަ ޕްރޮފިޓް މާޖިންއެއްގައި ދޫކުރާ ފައިނޭންޝަލް ފެސިލިޓީއެކެވެ. މިލޯންތައް އަނބުރާ ދައްކަންޖެހޭނީ 25 އަހަރުންނެވެ.
މުލަކަތޮޅު މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިއީ އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ދަތިވެފަވާ މީހުންނަށް ސަރުކާރުން ހުޅުވައިދިން ފަހި ފުރުޞަތެއްކަމަށެވެ.
"މިއަހަރުގެ ލޯނަށް ހޮވޭ މީހުންނަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފަށާނަން. އަދި އަންނަ އަހަރަށް މި އެހީ ދުކުރުމުގެ ފުރުޞަތު ހުޅުވާލާނަން" ރައީސް ވިދާޅުވިއެވެ.
މި ސްކީމް ކުރިއަށްގެންދަނީ 3 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިއަހަރަށް ހުޅުވާޅި ފުރުޞަތުގައި 2200އަށްވުރެ ގިނަ މީހުން މި ސްކީމަށް އެދިފަވެއެވެ.
ސަރުކާރުން ވިދާޅުވީ ކުދި ރަށްތަކަށް ޚާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އަރބަން ސެންޓަރުތަކަށް ޚާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށައަޅާފައިވާކަމަށެވެ.
މި ސްކީމްގެދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފަވަނީ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އެ މަސައްކަތް ސަރުކާރުން ވަނީ ބީއެމްއެލްއާ ހަވާލުކޮށްފައެވެ.
މި މަސައްކަތަށް ކޮންމެ އަހަރެއްގެ ބަޖެޓުން 1 ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް، މި މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ވިދާޅުވެފައެވެ.