ފ. ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.
ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ބިލެތްދޫ މަގުހެދުމުގެ މަޝްރޫޢަކީ 91.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޢާއްމުގޮތެއްގައި ކޮށްއުޅެނީ ފާނަމަސްވެރިކަމެވެ. ބިލެތްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ، ވިއްސާރަ މޫސުން އަތުވެއްޖެ ނަމަ، މަގުތަކުގައި ޗަކަ ހެދި ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލައެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ބިލެތްދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.