ސްރީލަންކާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް މުބާރާތުގައި ރާއްޖޭގެ މައްޗަށް ކުރިހޯދައި، ޕާކިސްތާނުން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ. ޕާކިސްތާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 5-2 ލަނޑުންނެވެ.
ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޕާކިސްތާނުގެ ޕުރަތަމަ ދެ ލަނޑު ކާމިޔާބުކޮއްދިނީ މަންސޫރު އަހުމަދުއެވެ. މެޗުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑަކީ 42 ވަނަ މިނިޓުގައި އަލީ އީލާން ކާމިޔާބު ކޮއްދިން ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މަންސޫރު ހެޓްރިކް ފުރިހަމަ ކުރިއިރު އޭނާ މި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނެލްޓީއަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު އަބްދުﷲ ވަނީ ޕާކިސްތާނަށް އިތުރު ލަނޑެއް ކާމިޔާބުކޮއްދީ ނަތީޖާ 4-1 ލަނޑަށް ބަދަލުކޮއްފައެވެ.
މުހައްމަދު ވަނީ މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނެލްޓީއަކުން ޕާކިސްތާނުގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮއްދީފައެވެ. ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮއްދިނީ މުހައްމަދު ޝާޔަން ޝިފާއު އެވެ.
ރާއްޖެ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި 6-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ. ފަހު މެޗުގައި، ރާއްޖޭން ހޯމަ ދުވަހުގެރޭ ބައްދަލުކުރާނީ ބޫޓާން އާއެވެ.