ޚަބަރު

ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފި


  • ކުރިން ޝާޢިއުކުރި ލިސްޓުގައި 152 ފަރާތެއް ހިމެނޭ

  • ލިސްޓު ޝާޢިއުކުރުމަށްފަހު، 17 ފަރާތަކުން ބަޔާން ހުށަހެޅި

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، މިއަހަރުގެ މެއި މަހާ ހަމައަށް، ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފިއެވެ.

މީރާއިން މިމަހުގެ 08 ވަނަ ދުވަހުގައި ފުރަތަމަ ޝާޢިއުކުރި ލިސްޓުގައި ޖުމުލަ 152 ފަރާތެއް ހިމެނިފައިވެއެވެ. ނަމަވެސް، މި ލިސްޓު ޝާޢިއުކުރުމަށްފަހު، 17 ފަރާތަކުން ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައިވާތީ، މި ވަގުތާ ހަމައަށް ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ބަދަލުވެފައެވެ.

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.