އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި ބާވަތްތައް އަންނަ މަހުގެ 15 ގެ ކުރިން އެސްޓީއޯއިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމުގެ ޒިންމާ އެސްޓީއޯއަށް ހަވާލުކުރައްވާފައެވެ.
އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ބާޒާރުގައި ދޭތެރެދޭތެރެއިން އުފުލިގެންދެއެވެ. މިކަމުގެ ކަންބޮޑުވުންތައް އާންމުން ދަނީ ކުރަމުންނެވެ. ބައެއް ފަހަރު ބައެއް ބާވަތްތަކުގެ އަގުތައް އަތްނުފޯރާފަށަށް މަތިވެއެވެ.
މިކަމަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރައްވައި އެތަކެތި ހެޔޮއަގުގައި ބާޒާރުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުން އެސްޓީއޯއާއި ހަވާލުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އެސްޓީއޯއަކީ ވިޔަފާރިކުރަން އުފައްދާފައިވާ ކުންފުންޏެއްކަމަށާއި، އެ ކުންފުނިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫންކަމަށެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުންކަމަށެވެ. މިއީ އާންމުންކުރާ ވިޔަފާރިއަށް ވަނުންނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭހުގެ ވިޔަފާރި ސަރުކާރުން އެކަމަށް ޚާއްސަކޮށް އުފެއްދި ކުންފުންޏަށް ދޫކޮށްލުމަށްފަހުގައި އެސްޓީއޯއިން ދެން ބޮޑަށް ފޯކަސްކުރާނީ ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްކަމަށެވެ. މިއީ ރައްޔިތުންނަށްޓަކައި ސަރުކާރުން ނިންމެވި ނިންމުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެސްޓީއޯއިން ޕޯކަސް މިކުރަނީ ކާބޯތަކެތީގެ ވިޔަފާރިކުރުމަށް. އެސްޓީއޯއިން ރާއްޖޭގެ އެކި ރަށްތަކުގައި ބިންތައް ނަގާނެ. ނަގައިގެން ކާބޯތަކެތި އުފައްދަން ފަށާނެ. ޕޯލްޓްރީ ފާމިންގެ ތެރެއަށް އެބޭފުޅުން ވަންނާނެ. ޕޯލްޓްރީ ފާމިންއަށް އިންވެސްޓްކުރައްވާނެ ވަރަށް އަވަހަށް. ސަރުކާރުގެ ނިންމުން މިއީ. އެހެންވީމަ ފުޑް ސެކިއުރިޓީއަށް ފުޅާ ދާއިރާއެއްގައި އެސްޓީއޯއިން ވަންނާނެ. މިއީ ހަމަ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަން." ރައީސް ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅުއްވި 23 ބާވަތް ރާއްޖެ އެތެރެކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ފަށާފައިވާކަމަށެވެ. މިހާރުވެސް އެ ކުންފުނިން ދަނީ އޮރެންޖް ރާއްޖެ ގެނެސް ވިއްކަމުންނެވެ. އޮރެންޖް ކިލޯއެއް އެސްޓީއޯއިން ވިއްކަމުންދަނީ 35 ރުފިޔާއަށެވެ. އޮރެންޖް ރާއްޖެ ގެންނަނީ ސައުތު އެފްރިކާއިންނެވެ.
ދެންހުރި ބާވަތްތައްވެސް ވީހާވެސް އަވަހަކަށް ބާޒާރަށް ނެރުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުންނެވެ. އެގޮތުން އެންމެ އަވަހަށް ދެން ބާޒާރަށް ނެރޭނީ އާފަލެވެ. އާފަލު ރާއްޖެ ގެންނަނީ ޗައިނާ އަދި އިޓަލީއިންނެވެ. އަންނަ މަހުގެ 15ގެ ކުރިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެއްވި 23 ބާވަތް އެސްޓީއޯއިން ރާއްޖެ ގެނެސް އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.