ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ޒިންމާއެއް ނޫން ކަމަށާއި އެއީ ލިބޭ ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދުނިޔޭގައި ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަކުރަމުންދާއިރު، ކޮންމެ ކުޑަކުއްޖަކަށްވެސް ރައްކާތެރިކަމާއި އަޅާލުން ދިނުމަށް އަޅުގަނޑުމެން ވެފައިވާ އަހުދު އައު ކުރަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް ނޫން ކަމަށާއި އެއީ އިމްތިޔާޒެއް އަދި ޝަރަފެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުއްޖާ ވިހެއުމުން ފެށިގެންވެސް ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށާއި ކުޑަކުދިންގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް ކަނޑައެޅޭ ސިޔާސަތުތަކަށް އިންވެސްޓް ކުރުމަށް ގޮވާލައްވާފައެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހުއެވެ.