ޚަބަރު

"ނޫސްވެރިންނަށް ޖަވާބުދާރީވުމަށް ސަރުކާރުން ފަހެއް ނުޖެހޭނެ"


އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ސަރުކާރުން ރައްދު ދެއްވަންޖެހޭ ކަންކަމުގައި ސަރުކާރުން ރައްދުދެއްވަމުން ގެންދަވާނެ ކަމަށާއި، ނޫސްވެރިން ކުރައްވާ ހުރިހާ ސުވާލަކަށް ނޫސްވެރިން ބޭނުންވާ ޖަވާބު ސަރުކާރުން ނުދެއްވުމަކީ ޖަވާބުދާރީވުމަށް ފަސްޖެހިވަޑައިގަތުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ވިދާޅުވީ ސަރުކާރުގެ ފަރާތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާ ކަންކަމުގައި ސަރުކާރުގެ ބަސް ހޯއްދެވުމަށް ސްޕޯކްސް ޕާރސަންއާ އަބަދުވެސް ގުޅޭނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްފުޅުން ޖަވާބު ދެއްވަންޖެހިވަޑައިގަންނަވާ ކަންކަމުގައި އެއްވެސް މީޑިއާއަކުން ނުގުޅިގެން އުޅެން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް ސިޔާސީ އެކި ފަރާތްތަކުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ދައްކާ ޙަޤީޤަތާ ޚިލާފް ވާހަކަތަކުގެ ރައްދުގައި ކޮންމެ ފަހަރަކު ނޫސްވެރިން ބޭނުންވާ ޖަވާބު ނުދެއްވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެކަންކަމުގައި ރައްދުދެއްވަން ބޭނުންފުޅުވާ މިންވަރަކަށް މަޢުލޫމާތު، ކޮންމެ ނޫސްވެރިއަކަށްވެސް ދެއްވާނެކަމަށް މުޢާޒު ވިދާޅުވިއެވެ.

"ނޯ ކޮމެންޓަކީވެސް އެއީ ޖަވާބެކޭ. ނޫސްވެރިން އެންމެ ފުރަތަމަ ޤަބޫލުފުޅު ކުރައްވަންވީ ހަޤީޤަތަކީ ނޫސްވެރިން އަޅުގަނޑާ މި ސުވާލުކުރަނީ ދޭދޭ ހޮޅުއަށިތަކުގައި ނުވަތަ ގޯޅި ގޯޅި ކަންމަތީގައި ނުވަތަ ސޯޝަލް މީޑިއާގައި އެނބުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ކަމަށްވާނަމަ އަޅުގަނަޑަށް ރައްދު ދޭންޖެހޭ ކަމެއް އޮތްނަމަ އަޅުގަނޑު ރައްދުދޭނެ. ދޭނެ ރައްދެއް ނެތްކަމަށް ވާނަމަ އެމިންވަރަށްވެސް ސަރުކާރުން ބުނާނެ." ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ވިދާޅުވިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވުމުގައި އެއްވެސް މީޑިއާއެއް ތަފާތު ނުކުރައްވައި ހަމަހަމަ ކަމާއެކު މަޢުލޫމާތު ދެއްވަމުން ގެންދަވާނެކަމަށް މުޢާޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ދެފުށްފެންނަ ގޮތެއްގައި ކަންކަން ކުރިއަށް ގެންދެވުން ކަމަށް މުޢާޒު ވިދާޅުވިއެވެ.

"މިސަރުކާރު ކުރިއަށްދަނީކީ މީހުން ދައްކާހާ ވާހަކަތަކަށް ބަލައިގެނެއް ނޫން. އެއަށްވުރެ މާބޮޑަށް ލަނޑުދަނޑިތަކެއް އަމާޒުތަކެއް ޙާޞިލްކޮށްގެން ކުރިއަށް މިދަނީ. އެހެންކަމުން ބޭކާރު ކަންކަމުގައި ވަގުތު ނަންގަވާލެއްވުމަކަށް މިސަރުކާރުން އިސްކަމެއް ނުދޭ." ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ވިދާޅުވިއެވެ.

އަބުރުރައްކާތެރިކޮށްދިނުމާބެހޭ ޤާނޫނުގެ ދަށުން މީހަކު ދައްކާ ވާހައެއް އެހެން ފަރާތަކަށް ރައްދުވާނަމަ އެވާހަކައެއް ރައްދުވާ ފަރާތެއްގެ ބަހެއް ހޯއްދެވުން ލާޒިމުކުރެއެވެ.

މިޤާނޫނަށް ޢަމަލުކުރައްވަން ފެއްޓެވުމަށްފަހު އިދިކޮޅު ފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯއްދެވުމަށް ގުޅުއްވުމުން އެދެވިގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށް ބުނެ ބައެއް މީޑިއާތަކުން ލިއުންތައް ޝާޢިޢު ކޮށްފައިވެއެވެ. އެހެންނަމަވެސް ސަރުކާރުގެ ތަރުޖަމާނު ވަނީ މިކަން ދޮގުކުރައްވާފައެވެ.