ދިވެހި ވިޔަފާރިތަކުން ޗައިނާގައި ވިއްކާ މުދަލުގެ ފައިސާ ފަސޭހަކަމާއެކު އެމްއައިބީގެ އެކައުންޓަށް ޑޮލަރުން ޖަމާވާނެ އިންތިޒާމް މޯލްޑިވްސް އިސްލާމިކް ބޭންކުން ޤާއިމްކޮށްދީފިއެވެ. މިއީ މިހާތަނަށް ދިވެހި ވިޔަފާރިވެރިންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އަލީބާބާއާއި ގުޅިގެން ދިވެހި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރ ހުސައިން އާލިމް ޝަކޫރު ވިދާޅުވީ، ދިވެހި އުފެއްދުންތެރިންނަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިރާއްޖޭގައި އުފައްދާފައި ހުންނަ ތަކެތި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ވިއްކުމަށްފަހު އެއިން ލިބޭ އާމްދަނީ އަނބުރާ އެތަކެތި އުފައްދާ ފަރާތްތަކަށް ލިބޭނެ މަގު ފަހިވެފައި ނެތުންކަމަށެވެ.
ފައިސާ ގެނެވޭނެ މަގު އޮތްނަމަވެސް ފައިސާ ގެނައުމަށްޓަކައި ނަގާ ފީއާއި ޗާޖުތައް ބޮޑުވުމުގެ ސަބަބުން ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭކަމަށް ވިދާޅުވެ މިކަމަށް ހައްލެއް ގެނެސްދިނުމަށްޓަކައި އެމްއައިބީން މަސައްކަތް ފަށާފައިވާކަމަށް އާލިމް ވިދާޅުވިއެވެ.
ހުސައިން އާލިމް ޝަކޫރު ވިދާޅުވީ، އެމްއައިބީން މަސައްކަތްކުރީ މި ފީތަކާއި ނުލާ އެހެން ޗެނަލަކުން ވިޔަފާރިވެރިންނަށް ރާއްޖެއާއި ހިސާބަށް ފައިސާ ގެނެވޭނެ މަގުތަކެއް ހުޅުވައިދިނުންކަމަށެވެ. އެ ބޭންކުން އެންމެ ބޮޑަށް ވިސްނީ އެންމެ ކުޑަ ފީއަކުން ވިޔަފާރިތަކަށް ފައިސާ ގެނެވޭނީ ކިހިނެތް ކޮންގޮތަކުންތޯކަމަށެވެ. މި މަސައްކަތުން މިއަދު ދިވެހި ވިޔަފާރިތަކަށް މި ހުޅުވިގެންދަނީ މުޅި ދުނިޔޭގެ އެންމެ ބޮޑު 2 ވަނަ އިކޮނޮމީކަމަށްވާ ޗައިނާއާއިކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހި ވިޔަފާރިތަކުން ޗައިނާގައި މިހާރު ކުރާ ވިޔަފާރިއަށް އެއީ ޗައިނީސް ޔުއާންއިން ކަމުގައިވިއަސް، އަދި އެމެރިކާ ޑޮލަރުން ކަމަށްވިއަސް އެމްއައިބީގެ އެކައުންޓަށް ވަރަށް ކުޑަކުޑަ ޗާޖަކާއި އެކީގައި އެ ފައިސާ ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މާނައަކީ ޗައިނާގެ އެއްވެސް ފަރާތަކުން ތިބޭފުޅުންނަށް ހައްދަވާ ޕޭމަންޓެއް އޮތްނަމަ އެއީ ޔުއާންއިންކަމަށްވިއަސް ޔޫއެސްޑީންކަމުގައިވިއަސް އަޅުގަނޑުމެން މިހާރު އެސްޓަބްލިޝްކޮށްފައި މިއޮތް ކޮރިޑޯގެ ތެރެއިން ތިބޭފުޅުންނަށް އެ ފައިސާ ފަސޭހަކޮށް ލުއިކޮށް އަވަހަށް ރާއްޖެއާއި ހަމައަށް ގެނެވޭނެ. އަދި އަޅުގަނޑުމެން އެ ފައިސާ ތިބޭފުޅުންނަށް ޔޫއެސްޑީން ކްރެޑިޓްކޮށްދޭނަމޭ." އާލިމް ވިދާޅުވިއެވެ.
އާލިމް ވިދާޅުވީ، ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ދިވެހި ވިޔަފާރިތަކުން ކުރާ ވިޔަފާރިއަށް މިފަދަ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ދިވެހި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގައި އެމްއައިބީން އަބަދުވެސް ދެމިތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.