ޚަބަރު

ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ހުއްދަ ދީފައިވާ ޚިދުމަތްތައް އެއް ވިއުގައަކުން ފެންނާނެ ސޮފްޓްވެއަރ އިފްތިތާހުކޮށްފި


  • މިއީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް

ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު އެއްވިއުގައަކުން ބެލޭގޮތަށް، ޚާއްސަ ސޮފްޓްވެއަރ އިފްތިތާޙުކޮށްފިއެވެ. މިސޮފްޓްވެއަރ އިފްތިތާޙުކޮށްދެއްވީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) އަކީ، ސިއްޙީ ޚިދުމަތްތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. މި ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ބަލާލެވޭނެއެވެ. މިއީ ބަލިމީހުންގެ އިތުބާރު ސިއްޙީ ނިޒާމަށް ބޮޑުވެ، ބަލިމީހުންގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޕޭޝަންޓް ސޭފްޓީ ޑޭގެ ޖަލްސާގައިވަނީ ބައިނަލްއަޤްވާމީ ސިއްޙީ ޖަމްޢިއްޔާއެއްކަމަށްވާ ޖޮއިންޓް ކޮމިޝަން އިންޓަރނޭޝަނަލް ޖޭސީއައިގެ ޕޭޝަންޓް ސޭފްޓީ ޕާތްވޭ ރާއްޖޭގެ 3 ހޮސްޕިޓަލެއްގައި ޤާއިމުކުރުމަށްވެސް އިޢުލާނުކޮށްފައެވެ. މިއީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑަށް، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރާކަން ދެނެގަތުމުގެ ބެސްޓް ޕްރެކްޓިސްތައް ތަންފީޒުކުރޭކަން ކަށަވަރުކުރާ ނިޒާމެކެވެ. ސޭފްޓީ ޕާތްވޭ ޤާއިމުކުރާ 3 ހޮސްޕިޓަލަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް އަދި އައްއްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.

މީގެއިތުރުން "ޖޭސީއައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް" ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ސިއްޙީ ނިޒާމުގައި ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަމާއި އެމީހުންނަށް ދޭންޖެހޭ ރައްކާތެރިކަން ދޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ކުރީ ސަފުގައި މަސައްކުރުމަށް ތަމްރީންކުރާ 7 ޗެމްޕިއަނުންނެވެ. މި ފަރާތްތައް މެދުވެރިކޮށް، މުޅި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ތަމްރީންކުރާނެއެވެ.

މިފަހަރުގެ ޕޭޝަންޓް ސޭފްޓީ ޑޭގެ ޝިއާރަކީ، އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާ އަޅާލުން ފޯރުކޮށްދިނުމެވެ. މި ޝިއާރުގެދަށުން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕެނަލްގައި ވަނީ މާބަނޑު ދުވަސްވަރު ރައްކާތެރިވާންޖެހޭ ކަންތައްތަކާއި، އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ސިއްޙީ ފަރުވާ ދިނުމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޕެނަލިސްޓުން ވަނީ ޙިއްސާކުރައްވާފައެވެ.