2010ވަނަ އަހަރު އެކުލަވާލި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ވުޖޫދުވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މުޅިންވެސް މެންބަރުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުއެވެ. ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނަކީ ބްރޯޑްކާސްޓްކުރާ މީޑިއާތައް ނުވަތަ ޓީވީ ޗެނަލްތައް ރެގިއުލޭޓްކޮށް މޮނިޓަރކުރާ އިދާރާއެވެ.
ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބިލެއް ޑްރާފްޓްކުރިއިރު، އެ ބިލުގައި ނޫސްވެރިން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ބިލުގެ މަސައްކަތް ހުއްޓުނެވެ. ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައިވެސް ނޫސްވެރިންނާ ގުޅޭ ބިލެއްގެ ޑްރާފްޓް އެކުލަވާލެވުނެވެ. އެއީ 2020ވަނަ އަހަރުއެވެ.
މި ބިލުގެ ޑްރާފްޓްގައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އެއްކޮށްލެވޭނެއެވެ. އެއަށްފަހު އުފެދޭ އައު ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުން ނޫނެވެ. މި ބިލުގެ ޑްރާފްޓް ފާސްކުރީ އޭރު އޮތް މީޑިޔާ ކައުންސިލުންނެވެ. މި ބިލު ފާސްވެއްޖެނަމަ، އެތައް އަހަރުތަކަކަށް ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް ޖެހިގެންދާނެކަމަށް އޭރު ބައެއް ނޫސްވެރިން ފާހަގަކުރައްވިއެވެ.
ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހޯމަ ދުވަހު ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލުގައި އެމްޑީޕީ ސަރުކާރުން އެކުލަވާލި ބިލާ މުޅިން ތަފާތެވެ. އެއްކޮށްލަނީ ހަމައެކަނި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނެވެ. އަލަށް އުފެދޭ ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ ނޫސްވެރިންގެ މެދުގައި ނަގައި ވޯޓަކުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރެއް އެއްވެސް ވަރަކަށް މި ކޮމިޝަނަކަށް ނުހިނގައެވެ. އެހެންކަމުން އެމްޑީޕީން އެކުލަވާލި ބިލަށް އޭރު ރުހިގެންތިބި މީޑިއާ ކައުންސިލުގެ މެންބަރުންނާއި، މެންބަރުންގެ ގޮތުގައި ތިބި ނޫސްވެރިންނާއި ބިލަށް ތާޢީދު ކުރެއްވި މަޖިލީހުގެ މެންބަރުން، އަދުގެ ސަރުކާރުން އެއަށްވުރެ ފުރިހަމަ މިނިވަންކަން ނޫސްވެރިންނަށް އޮތް ބިލަކަށް އިސްލާހުތަކަކާއެކު ތާއީދުކުރުމުން، ބިލާ ދެކޮޅުވެ ވާހަކަދެއްކުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ.
މިހާރުގެ ބިލާ ދެކޮޅަށް ވަކާލާތުކުރައްވާ މަޖިލީހުގެ މެންބަރުންނާއި ބައެއް ނޫސްވެރިންނަކީ އެމްޑީޕީ ސަރުކާރުން ނޫސްވެރިންގެ މިނިވަންކަން ހަނިވާ ގޮތަށް ބިލެއް ހުށައެޅުމުން ތާޢީދުކުރެއްވި ބޭފުޅުންނެވެ. މިގޮތަށް ކަން ހިނގާނަމަ، މިއީ ވަކި ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް ދެކެވޭ ވާހަކަތަކެއްކަމާމެދު ޝައްކުކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެއެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި މީޑިއާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވީ ނޫސްވެރިންނާ ގުޅޭ ބިލެއް އެކުލަވާލާނަމަ، އެ ބިލެއް އޮންނަންވާނީ ނޫސްވެރިކަމަށް ފަހިވާގޮތަށް، ނޫސްވެރިން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ބިލުގައި ނޫސްވެރިންގެ ހުރި ހުރިހާ ކަންބޮޑުވުމަކަށް ރިޢާޔަތްކޮށް، ބިލު އިސްލާހުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބިލުގައި ނޫސްވެރިކަންކުރުމަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ޞާލިހުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީޑިއާ ބިލެއްގެ މަސައްކަތްކުރީ. އެ ބިލު އޮތީ ނޫސްވެރިކަމަށް ވަރަށް ދަތިވާ ގޮތަށް. އެ ބިލުގެ ސަބަބުން އުފެދޭ މީޑިއާ ކޮމިޝަނަށް އައްޔަންކުރާ 7 މެންބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ. ދެން މި އޮންނަނީ ނޫސްވެރިންގެ ލަފާދޭ ކޮމިޓީއެއް. އެއީ މީޑިއާގެ ފަރާތުން އަންނަ ބަޔަކީ. ވަކިކުރުމާއި އައްޔަންކުރުން އޮންނަނީ މަޖިލީހަށް ދޫކޮށްލާފައި. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީން މި ބިލު ފާސްކުރަނީ އެ ބިލަށް ވޯޓު ނުދޭނީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އެކަނި. މިހާރު މަޖިލީހުގައި އިންނެވި މީކާއިލް ހިމެނޭހެން އެމްޑީޕީގެ ހުރިހާ މެންބަރުން ވޯޓުދިން. ދެން އެ މައްސަލަދަނީ މީޑިއާ ކައުންސިލަށް. އެ ބިލުގެ ޑްރާފްޓް ފޮނުވަން މީޑިއާ ކައުންސިލްގައި ވޯޓު ދެއްވި މެންބަރުން މިއަދު މިހާރު ހުށައަޅާފައި އޮތް ބިލާ އެ ދެކޮޅު ހަދަނީ." ވަޒީރު ވިދާޅުވިއެވެ.
ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު ހިނގާ ގޮތަށް މީޑިއާ ކޮމިޝަނެއް އުފެއްދުމަށް އެމްޑީޕީގެ ސަރުކާރުން މަސައްކަތްކުރި ނަމަވެސް، މިހާރު އޮތް ބިލުގެ ސަބަބުން އުފެދޭ މީޑިއާ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ބާރެއް އެއްވެސް ވަރަކަށް ނުހިނގާނެއެވެ. މެންބަރުންގެ ގޮތުގައި ތިއްބަވާނީ ސީދާ ނޫސްވެރިން ވޯޓު ލައިގެން ހޮވައްވަވާ މެންބަރުންނެވެ. އެހެންކަމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގައި މިއީ ރާއްޖެއިން ކުރިއަށް އަޅާ މުހިންމު ފިޔަވަޅެކެވެ.