ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އައު މެނޭޖިން ޑިރެކްޓަރު ކަމަށް، ޑރ. މުހައްމަދު އިބްރާހީމް, އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ފްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުޙައްމަދު އިބްރާހިމް އައްޔަނުކުރައްވައިފާވާ ކަމަށެވެ.
ޑރ. މުޙައްމަދު އިބްރާހީމަކީ މީގެކުރިން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޑްރަގް ކޯޓުގެ އިސް މަގާމެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނަކީ އެކުއަކަލްޗަރ، މެރިކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ކުންފުންޏެކެވެ. މިކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާރކެޓްތައް ހޯދުމުގެ މަސައްކަތް ކުރާނެއެވެ.