މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 810 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
މަރުކަޒީ ބޭންކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ، 774.5 މިލިޔަން ޑޮލަރެވެ. މިއަދަދު ނިމިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް އިތުރުވިއިރު، އޮގަސްޓު މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 810.05 މިލިޔަން ޑޮލަރެވެ. މިއީ މަހުން މަހަށް އަޅާކިޔާއިރު 4.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި 117.22 މިލިޔަން ޑޮލަރު އޮގަސްޓު މަހުގެ ނިޔަލަށް ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް ކުރު މުއްދަތުތުގައި ދައްކަންޖެހޭ އިލްތިޒާމުތަކުގެ އަދަދު އޮގަސްޓުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. މިގޮތުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު އޮގަސްޓު މަހުގެ ނިޔަލަށް ހުރީ 738.63 މިލިޔަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު މިއަދަދު ހުރީ 688.24 މިލިޔަން ޑޮލަރުގައެވެ.
މިއަދަދަށް އައި ބަދަލާއެކު، ބޭނުން ކުރެވޭ ރިޒާވު ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެދެވެ.
މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 188.64 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 213.22 މިލިޔަން ޑޮލަރު ހުރިއިރު، މިއީ މަހުން މަހަށް ބަލާއިރު 11.5 އިންސައްތަ ދަށްވުމެކެވެ.
ރާއްޖޭގެ ރިޒާވު ޚަރުދަނާކޮށް ރިޒާވުގައި ހުރި މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. މިގޮތުން ބޭރުފައިސާގެ އައު ޤާނޫނު ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރުމުންނެވެ. މީގެ އިތުރުން މިއަހަރު ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ މިއަހަރު އިތުރުވެފައިވާޢިރު، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ ކަރަންސީ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް ރިޒާވް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މި ސްވޮޕް އެއްކޮށް ބޭނުން ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ މިއަހަރު އަދި އަންނަ އަހަރެވެ. އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭއިރު ރިޒާވް ހަރުދަނާވުމަކީ މިކަމަށް މުހިންމު ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.