ބާސެލޯނާގެ ކޯޗު ހެންސީ ފްލިކުގެ ސަސްޕެންޝަން، ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ޔުއެފާ) އިން ވަގުތީ ގޮތުން މާފުކޮށްފިއެވެ.
މިއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި އޭނާ އަށް ބެންޗުގައި އިނދެވޭނެ އެވެ. ކުރިން ހަމަޖެހިފައި އޮތީ މި މެޗުގައި ފްލިކާއި އޭނާގެ އެސިސްޓެންޓަށް ވެސް ބެންޗުގައި ނީނދެވޭ ގޮތަށެވެ. އެއީ ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން އަތުން ބާސެލޯނާ ބަލިވި މެޗަށް ފަހު ފްލިކް ރެފްރީންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި އަމަލުތައް ބެހެއްޓި ގޮތުން ދީފައިވާ އެއް މެޗުގެ ސަސްޕެންޝަނެކެވެ.
ބާސެލޯނާއިން ވަނީ މި ސަސްޕެންޝަން އިސްތިއުނާފުކޮށްފަ އެވެ. މިހެންވެ ޔޫއޭފާއިން ނިންމީ އެއް އަހަރު ދުވަހަށް ފްލިކަށް ވަގުތީ މައާފެއް ދިނުމަށެވެ. އެކަމަކު މި އަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާގެ ފަރާތުން އެ ފަދަ އަމަލެއް ތަކުރާރުވެއްޖެނަމަ ވަގުތީ ގޮތުން މައާފްކުރި މެޗާއެކު އިތުރު މެޗުތަކަކަށް ސަސްޕެންޑް ކުރާނެ އެވެ.
ބާސެލޯނާއިން ބުނީ ކޯޗަށް ބެންޗުގައި އިނދެވޭ ގޮތް ވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ސަބަބަކީ ޗެމްޕިއަންސް ލީގުގެ މިހާރުގެ ފޯމެޓް ހަމަޖެހިފައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި ކުޅޭ އަށް މެޗަކީ ވެސް ވަރަށް ވަރުގަދަ އަދި މޮޅުވާން މުހިންމު މެޗުތަކަކަށް ވާތީ އެވެ.
ހުސްވި އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުރަވީ ބާސެލޯނާ ކަމަށެވެ. ނަމަވެސް އެ ޓީމު ސެމީ ފައިނަލުގައި ބަލިވީ އިންޓަމިލާނާ ވާދަކުރި ދެ މެޗު ވެސް އެއްވަރުވުމުން އިތުރަށް ކުޅުނު 30 މިނިޓް ތެރޭގައި ބާސެލޯނާ ލީޑް ހޯދި ފަހުންން އިންޓަ ޖެހި ދެ ލަނޑުންނެވެ. މިހެންވެ މެޗަށް ފަހު ފްލިކް ބުނީ ކޮންމެ ފިފްޓި ފިފްޓީ ބޯޅައެއްގައި ރެފްރީ ހުރީ އިންޓަމިލާން ކޮޅަށް ޖެހިގެން ކަމަށެވެ. އެއީ އިޓަލީގައި މެޗު ކުޅުމުގެ ސަބަބުން ވީ ގޮތެއް ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.