ބަލޮންޑޯ އެވޯޑް ހަފުލާއަށް މި ފަހަރުވެސް ރެއާލް މެޑްރިޑުން ނުދާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.
ބަލޮންޑޯ އެވޯޑް ހަލުފާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ފްރާންސް ފުޓްބޯލްއިން ބާއްވާ ކުލަގަދަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވައި އިނާމު ދެމުންދެއެވެ.
ރެއާލް އިން ވަނީ ހުސްވި އަހަރު މި ހަފުލާ ބޮއިކޮޓް ކޮށްފައެވެ. ރެއާލް މެޑްރިޑުން ގަބޫލުކުރި ގޮތުގައި ހުސްވި އަހަރު މި އެވޯޑް ލިބެންޖެހޭ ކުޅުންތެރިއަކީ އެ ކުލަބުގެ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއަރ އެވެ. އޭނާ އަކީ ބަލޮންޑޯ ހަފުލާއަށް ފަހު ދުނިޔޭގެ ފުޓްބޯޅަ ޖަމުއިއްޔާ ފީފާއިން ބޭއްވި ދަ ބެސްޓް އެވޯޑް ހަފުލާގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ކުޅުންތެރިޔާއެވެ.
ރެއާލް މެޑްރިޑުގެ ހިތްހަމަނުޖެހުން ހަމަޖެއްސުމަށާއި މި ފަހަރުގެ އެވޯޑް ހަފުލާއަށް އެ ކުލަބުގެ ކުޅުންތެރިންނާއި ވެރިން ގެނައުމަށް ފްރާންސް ފުޓްބޯލްއިން ވަނީ ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް ރެއާލްއާއެކު ދެކެވުނު މި މަޝްވަރާތައް ކާމިޔާބުނޫން ކަމަށް ވެސް ސްޕެއުނުގެ މީޑިއާތަކުން ބުނެ އެވެ.
ރެއާލް މެޑްރިޑުން މި ފަހަރުގެ އެވޯޑް ހަފުލާއާ މެދު މާބޮޑު ޝައުގުވެރިކަމެއްވެސް ނެތެވެ. ސަބަބަކީ މި ފަހަރުގެ އެވޯޑަށް ނޮމިނޭޓްވި ގަދަ 30 ކުޅުންތެރިންގެ ތެރޭގައި އެ ކުލަބުގެ އެންމެ ތިން ކުޅުންތެރިން ހިމެނިފައިވުމެވެ. އެއީ ވިނީޝިއުސް އާއި ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމެވެ.
ނަމަވެސް ހުސްވި ސީޒަނުގައި އެ ކުލަބުގެ ދަށް ނަތީޖާތަކުގެ ސަބަބުން މިއިން އެއްވެސް ކުޅުންތެރިއަކަށް އެވޯޑް ނުލިބޭނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފައެވެ. ކިރިޔާވެސް މި ހަފުލާގައި އެވޯޑެއް ލިބުން ގާތް ހަމައެކަނި ކުޅުންތެރިއަކީ އެމްބާޕޭއެވެ.