ޚަބަރު

ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރު، މާދަމާ ތަޅުދަނޑި ހަވާލުކުރަން ފަށަނީ


  • ފުރަތަމަ 14 ވަނަ ޓަވަރުގެ މަސައްކަތް ވަނީ ނިމުމަކަށްއައިސްފައި

  • މިހަފްތާގައި ތަޅުދަނޑި ހަވާލުކުރަން ފަށާނެ

  • ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14ވަނަ ޓަވަރު ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.
އެފްޑީސީން ވިދާޅުވެފައިވަނީ، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ހައުސިން ޔުނިޓް ހަވާލުކުރުމަށް ހަމަޖެހިފަވަނީ ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެތެރެއިން 14ވަނ ޓަވަރުކަމަށެވެ. މި ޓަވަރުތަކުގެތެރޭގައި މުޅިން މަސައްކަތް ނިމިފައިވާ ޓަވަރުތަކާއި ނިމުމާ ވަރަށް ގާތްވެފައިވާ ޓަވަރުތައް ހިމެނެއެވެ. އެހެންކަމުން ހަވާލުކުރަމުންދާނީ މި ތަރުތީބުންނެވެ.

އެފްޑީސީން ވިދާޅުވީ މީގެތެރެއިންވެސް ފުރަތަމަ ފްލެޓް ހަވާލުކުރާނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންގެތެރެއިން އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށްކަމަށެވެ. ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާވަރަކުން ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެކަމަށްވެސް އެފްޑީސީން ވިދާޅުވެއެވެ.

އެފްޑީސީން ވިދާޅުވީ އެކޯޕަރޭޝަނުން މަސައްކަތްކުރަމުންދަނީ މާދަމާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްކަމަށެވެ.

މިހާތަނަށް 3000އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. އަދި މި ފަރާތްތަކަށް މިހާރު ޑިޕޮސިޓް ޕޭމަންޓް ދެއްކުމަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ކުރިން ފްލެޓްގެ އަގަކީ 3 ކޮޓަރިއަށް 13000 ރުފިޔާ އަދި 2 ކޮޓަރިއަށް 9000 ރުފިޔާއެވެ.