ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗުގައި އާލިން ހާލަންޑް ޖެހި ފަސް ލަނޑާއެކު 11-0 ގެ ނަތީޖާއަކުން ނޯވޭ މޮޅުވެއްޖެއެވެ.
ކޮލިފައިންގެ ގްރޫޕް އައި ގައި ނޯވޭ ކުޅުނު މި މެޗުން އެ ޓީމު މޮޅުވުމާއިއެކު މިހާތަނަށް ކުޅުނު 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު ވަނީ ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް އިޓަލީ އަށް ހަތަރު މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ނޯވޭ އިން ފަސް ލަނޑު ޖަހާފައިވާއިރު އޭގެ ތެރެއިން ހާލަންޑް ވަނީ ތިން ލަނޑު ޖަހާ ފުރަތަމަ ހާފުގައި ހެޓްރިކް ހަދާފަ އެވެ. އަނެއް ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާޓިން އޮޑެގާޑް އާއި ފެލިކްސް ހޯމް މައިރޭ އެވެ.
ހާލަންޑް އިތުރު ދެ ލަނޑު ދެވަނަ ހާފުގައި ޖަހާފައިވާއިރު މި މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޭންޑްޖަރސްގެ މިޑްފީލްޑަރ ތެލޯ އާސްގާޑް ވަނީ އިތުރު ހަތަރު ލަނޑު ޖަހާފަ އެވެ.
2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ބޮޑު މުބާރާތަކަށް ނޯވޭ މިހާތަނަށް ކޮލިފައިވެފައެއް ނުވެއެވެ. އަދި އެންމެ ފަހުން އެ ގައުމު ވޯލްޑްކަޕްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު އެވެ.
ހާލަންޑް މި މެޗުގައި ޖެހި ފަސް ލަނޑާއެކު އޭނާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 45 މެޗުގައި ވަނީ 48 ލަނޑު ޖަހާފަ އެވެ. އަދި މިއީ އޭނާ ގައުމީ ޖާޒީގައި ހެދި ފަސްވަނަ ހެޓްރިކެވެ.
މި މެޗުގައި ނޯވޭ އިން މި ހޯދި ނަތީޖާ އަކީ ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި 1996 ވަނަ އަހަރަށްފަހު ނެރެފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން ހަމަ މިނަތީޖާއިން ކޮލިފައިންގައި މެސެޑޯނިއާ ވަނީ ލިއެޗްޓެންސްޓެއިން ބަލިކޮށްފަ އެވެ.
ނޯވޭ އިން މި ހޯދި ނަތީޖާ އާއިއެކު ގްރޫޕްގެ ދެވަނައިގައި އޮތް އިޓަލީ އަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިނުވުމުގެ ބިރުވަނީ ބޮޑުވެފަ އެވެ.