ޚަބަރު

މާދަމާގެ މެޗު ޒުވާނުންގެ މަރުކަޒުގައި ދައްކާނެ


ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ސްރީ ލަންކާ އާއި ރާއްޖެ ވާދަކުރާ ދެވަނަ މެޗު މާދަމާ ޒުވާނުންގެ މަރުކަޒުގެ ސްކްރީނުން ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެއްތަނަކުން ގިނަބަޔަކަށް މެޗުގެ ފެންނާނެ އިންތިޒާމު ސަރަކާރުން ހަމަޖެހިގެން ދިޔައިރު މާދަމާގެ މެޗު ޕީއެސްއެމްގެ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން މެޗު ވަގުތުން ގެނެސްދިމަށް ވަނީ ހަމަޖިފައެވެ.

މިމެޗަށް ޕީއެސްއެމް އިން ވަނީ ހާއްސަ ކަވަރޭޖަކަށް ތައްޔާރުވެފައެވެ.

ސްރީ ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސުޕާ ކަޕްގެ ފުރަތަމަ މެޗު، ދިވެހި ޓީމުން ކާމިޔާބުކުރިއިރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފް.އޭ.އެމް އާއި ދިވެހި ޓީމުގެވެސް އެދުމަކީ މާދަމާ މެޗުގައި ދިވެހި ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަކޮށްލުމެވެ.

އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހިން މާދަމާގެ މެޗަށް ދަނޑަށް ތަރުހީބުދޭން ދިޔުމަށް އެފްއޭއެމް އިން ވަނީ އެދިފައެވެ.

''ސައުތު އޭޝިއަން ސުޕަ ކަޕް 2025'' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ މި މުބާރާތުގައި ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވިއެވެ. މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.